އައްޑޫ ސިޓީ

އައްޑޫގައި އަޅާ 1،500 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި އަޅަން ނިންމާފައިވާ 1500 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ކައުންސިލުން ހުޅުވާލައިފި އެވެ.

އައްޑޫ ކައުންސިލުން ބުނީ، އައްޑޫގެ މީހުން ދިރިއުޅޭ ހަ ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫގެ ހުރިހާ ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ. ކައުންސިލުން ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައިމިވަނީ، ފްލެޓުތަކުގެ މަސައްކަތް ވެސް އަދި ނުފެށިގެން އުޅެނިކޮށެވެ.

ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް އައްޑުގައި ކުރިއަށް ގެންދަން ނިންމާފައިވާކަން އާންމުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހު 21 ވަނަ ދުވަހު ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. 1500 ހައުސިން ޔުނިޓުތަށް އަޅަނީ އައްޑޫގެ އެކި އަވަށްތަކަށް ބަހާލައިގެންނެންނެވެ.

އެގޮތުން ހައުސިން ޔުނިޓުތަށް ބެހިފައިވާ ގޮތަކީ، ހިތަދޫގައި 712 ހައުސިން ޔުނިޓް، ހުޅުދޫގައި 247 ހައުސިން ޔުނިޓް، ފޭދޫގައި 81 ހައުސިން ޔުނިޓް އަދި މީދޫގައި 131 ހައުސިން ޔުނިޓެވެ.

މިމަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ 20،00 ހައުސިން ޔުނިޓުތަކުގެ ތެރެއިން ދެކުނު އަތޮޅުތަކުގައި އަޅާ 5،000 ހައުސިން ޔުނިޓުގެ ތެރޭގައި ހިމެނޭ ބައެކެވެ. ސަރުކާރުން ހައުސިން ޔުނިޓުގެ މައިގަނޑު މަގްސަދަކީ ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު އިމާރާތް ނުކުރެވި ހުރި ގޯތިތަކުގެ މައްސަލައަށް ހޯދުން އެވެ. އަދި މާލީ ދަތިތަކާ ހެދި ގެދޮރު ނޭޅޭ މައްސަލައަށް ވެސް ހައްލު ހޯދައި ދިނުމެވެ.

އަލަށް އަޅާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިތަދޫގައި އެޅި 264 ފްލެޓާއި ހުޅުދޫގައި އެޅި 48 ފްލެޓް ދޫކުރުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.