ރައީސް އޮފީސް

ޔަސްރިފަށް ޑެޕިއުޓީ މިނިސްޓަރުކަން

Jan 10, 2023

އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.

ޔަސްރިފަށް މިދިޔަ ހަފްތާގެ ތެރޭގައި ދީފައިވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެެވެ.

ޔަސްރިފް އެންމެ ފަހުން ހުންނެވީ އައްޑޫ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

ޔަސްރިފަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ.

އައްޑޫ އަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ތަނަކަށް ވާތީ ދެ ކެންޑިޑޭޓުންނަށް ވެސް އައްޑޫ އަކީ މުހިއްމު ސަރަހައްދެކެވެ.

އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް މީގެ ކުރިން ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފަ އެވެ.

އައްޑޫ އެމްޑީޕީގެ މެންބަރުންގެ މެދުގައި މަގުބޫލު ދެ ބޭފުޅުން ކަމަށްވާ ސޯބެ އާއި ޔަސްރިފް މަސައްކަތް ކުރައްވާނީ އައްޑޫގައި ހުންނަ ޕްލޭނިން މިނިސްޓްރީގެ އޮފީހުގަ އެވެ.