އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިންނެވެ.
އެ މަޝްރޫއަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި މިމަހުގެ 17 ވަނަ ދުވަހު ވަނީ މަޝްވަރާކޮށްފަ އެވެ.
"އެކަމާ (މަޝްރޫއާ) ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީވެ އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ނަމަ އެކަމުގެ މަސައްކަތް އެބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އިކޮނޮމިން ކައުންސިލުން ވަނީ ނިންމާފަ،" އިކޮނޮމިކް ކައުންސިލުގެ ނިންމުމާ ގުޅޭ ގޮތުން ނާޒިމު ވިދާޅުވި އެވެ.
ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ގާތްގަނޑަކަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ.
އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް މުއިއްޒު މިމަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ މަޝްރޫއަށް އިންވެސްޓްކުރަން ހުޅުވާލެއްވި އެވެ.