ރައްޔިތުންގެ މަޖިލިސް

ޖިންސީ ގުނަވަން ދައްކާފައެއް ނުވާނެ: ނާޒިލް

Oct 11, 2021
3

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ފިރިހެން މެންބަރަކަށް ޖިންސީ ގުނަވަން ދައްކާފައި ނުވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ނާޒިލް މިހެން ވިދާޅުވެފައި މިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް، ނާޒިލްގެ ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ނޫސްތަކުގައި މިދިޔަ ހަފްތާގެ ތެރޭގައި އެ ވާހަކަތައް ރިޕޯޓްކުރި ކުރުމާ ގުޅިގެންނެވެ.

ނޫސްތަކުގައިވާ ގޮތުން ނާޒިލް އެކަން ކުރީ ނިމިގެން ދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ އޭނާ އަށް ނާކާމިޔާބުވުމާ ގުޅިގެން މަޖިލިސް ތެރޭގައި އުފެދުނު ހިޔާލުތަފާތުވުމެއްގައި ކޯފާ އިސްކުރެއްވުމަށްފަހު އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ނާޒިލް މިއަދު ވަނީ ނޫސްތަކުގައި އޭނާއާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބަ މެންބަރުންގެ ތެރެއިން އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެ ކަން. އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އެ ޔަގީންކަން އަޅުގަނޑު ދެން،" ނާޒިލް ވިދާޅުވި އެވެ.

ނޫސްތަކުގައި ނާޒިލްއާ ގުޅޭ ވާހަކަތައް ރިޕޯޓް ކުރި ފަހުން މެންބަރު އަސްލަމް އައްޑޫގައި ދިރިއުޅުއްވާ ގެއެއްގައި ރޯކޮށްލަން ވެސް ބަޔަކު މަސައްކަތް ކޮށްފައިވެ އެވެ. އެކަމުގައި ވެސް ނާޒިލްގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެ ބައެއް މީހުން ވަނީ ނާޒިލް އަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ވާހަކަތައް ދޮގުކުރައްވަމުން ނާޒިލް ވިދާޅުވީ ރޯކޮށްލަން އުޅުނު ކަމަށް ބުނާ ގެއަކީ އައްޑޫގައި އޭނާ ދިރިއުޅޭ ގޭގެ އަވަށްޓެރި ގެއެއް ކަމަށެވެ.

"އަޅުގަނޑަކީ ދުވަހަކު ވެސް މީހުންގެ މުދަލަށް އަނިޔާދީ މީހުންގެ ޖިސްމަށް ގެއްލުންދީ މީހުން މަރަން ގޭންގު ހަދައިގެން އެކަހަލަ ކަންތައްތަކުގައި އުޅޭ މީހެއް ނޫން. އެ ކަހަލަ ކަންތައްތަކަށް ހިތްވަރު ދޭނެ މީހެއް ވެސް ނޫން. އަދި އެކަހަލަ ކަންތައްތަކުގައި ކުރިއަށް އޮތް ތަނުގައި ވެސް އުޅޭނެ މީހެއް ވެސް ނޫން. އެހެންވެ އެ ޔަގީންކަން ވެސް ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަން،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައިވެ އެވެ. އެފަދަ މައްސަލައެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވެސް ބުނެފައިވެ އެވެ.