އުތުރު ތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަވާބެއް ނުދެއްވި އެވެ.
މަޖިލީހުގައި މިއަދު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މިނިސްޓަރު އިމްރާނަށް ސުވާލު ކުރިމަތި ކުރުވައި ޔޫޓީއެފް އިންޑިއާއަށް ދިނުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާ ކޮށްފައި ވޭތޯ އައްސަވާފަ އެވެ. ނަމަވެސް އެ ސުވާލަށް އިމްރާން ޖަވާބެއް ނުދެއްވި އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ގޮތުން މިދިޔަ ހަފްތާގައި ވެސް މަޖިލިސް ތެރެއިން ސައީދު އިމްރާނާ ސުވާލު ކުރެއްވި އެވެ. އެ ދުވަހު ސައީދުގެ ސުވާލު ސާފު ނުވާ ކަމަށް ވިދާޅުވެ އިމްރާން ޖަވާބެއް ނުދެއްވަ އެވެ. އަދި އަލުން އެ ސުވާލު ކުރުމުގެ ފުރުސަތު ވެސް މަޖިލީހުގެ ރިޔާސަތު ނުދެވެ.
ސައީދު މިދިޔަ ހަފުތާ ވިދާޅުވީ އޭނާގެ ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވި ނަމަވެސް މިނިސްޓަރާ މަޖިލީހުގެ ސައި ކޮޓަރިން ބައްދަލުވެ، "ޕޮލިޓިކްސްގައި އޮންނާނީ މިކަހަލަ ގޮތަކަށޭ" ވިދާޅުވެ ސުވާލަށް ނުސީދާ ޖަވާބެެއް ދެއްވި ކަމަށެވެ.
ޔޫޓީއެފްގެ އެއްބަސްވުުމުގެ ދަށުން ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް އިންޑިއާއިން ތަރައްގީ ކުރާނެ އެވެ. އެތަން އިންޑިއާއިން ތަރައްގީކުރި ނަމަވެސް އެ ތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތުގައި ޓެކްނީޝަނުން ފަދަ އެކި ނަންނަމުގައި އެ ތަނުގައި އިންޑިއާ ސިފައިން ގާއިމުވެގެން ތިބޭނެ އެވެ.
ޔޫޓީއެފްގެ އެއްބަސްވުން ހާމަ ކުރަން އިދިކޮޅުން މީގެ ކުރިން ވެސް ގޮވާލައިފައި ވެއެވެ. ނަމަވެސް ނަމަވެސް ކުރީގެ ސަރުކާރުތަކުން ވެސް އެފަދަ ބައެއް މުހިއްމު އެއްބަސްވުންތައް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވެ އެއްބަސްވުން ސިއްރު ކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިފާއު ކުރައްވައިފަ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އެއްބަސްވުން މަޖިލީހާ ވެސް ހިއްސާކުރާކަަށް ނުޖެހޭ ކަމަށެވެ.