އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ގަދަ ހަޔެއްގެ ފަހު ޖާގަ ވިކްޓަރީ އަށް ލިބި، ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ބީޖީ ޕްލޭއޯފް ކުޅެން ޖެހިއްޖެ އެވެ.
މި ގޮތަށް ހަމަޖެހުނީ ލީގުގައި މިރޭ މި ދެ ޓީމު ކުޅުނު މެޗު 3-1އިން ވިކްޓަރީ ކާމިޔާބު ކުރުމުންނެވެ.
މި ނަތީޖާއާ އެކު ވިކްޓަރީ އަށް ވަނީ ލީގުގެ ފަސް ވަނަ މަގާމު ކަށަވަރުވެފަ އެވެ. ހަ ވަނަ އަށް ދިޔައީ ރެލިގޭޓް ވެފައިވާ މަހިބަދޫ އަތުން މިއަދު ހަވީރު 5-1އިން މޮޅުވި ވެލެންސިއާ އެވެ. ބީޖީ އަށް ލިބުނީ ހަތް ވަނަ އެވެ. މަހިބަދޫ ދިޔައީ ޓޭބަލުގެ ފުލަށެވެ.
މިރޭގެ މެޗުގައި ވިކްޓަރީގެ ފުރަތަމަ ދެ ލަނޑު ޖެހީ ނައިޖީރިއާ ފޯވަޑް އޮމަދޫ ގޮޑްފްރޭ ވެސްޓް އެވެ. އޭގެ ފަހުން ޑެނިއަލް ފިލަމޮން ބީޖީ އަށް ލަނޑު ޖަހައިދިން ނަމަވެސް މެޗު ނިމިނިމި އޮއްވައި ވިކްޓަރީ އަށް ލީޑު ފުޅާކޮށްދިނީ އިބްރާހީމް ޝާތިރު އެވެ.
ލީގުގައި ވިކްޓަރީ އަށް 17 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ބީޖީ އަށް 13 ޕޮއިންޓް އަދި މަހިބަދޫ އަށް ދެ ޕޮއިންޓެވެ.
އަށް ޓީމު ވާދަކުރި ލީގުގައި އެންމެ ދެ މެޗު ބާކީ އޮތްއިރު މިހާރު ކަށަވަރުނުވެ އޮތީ ތިން ވަނަ އާއި ހަތަރު ވަނަ މަގާމެވެ. އެ ދެ މަގާމަށް ވަދަ ކުރަނީ މާޒިޔާ އާއި އީގަލްސް އެވެ. ދެ ޓީމަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން މިވަގުތު ތިން ވަނަ ލިބެނީ މާޒިޔާ އަށެވެ. ނަމަވެސް ތިނެއް އަދި ހަތަރު ވަނަ ޔަގީންވާނީ މާދަމާ ހަވީރު މި ދެ ޓީމު ކުޅޭ މެޗު ނިމުމުންނެވެ.
ދެ ވަނާގައިވާ ޓީސީއާއެކު މާދަމާ ރޭ ކުޅެން ޖެހޭ ލީގުގެ ފަހު މެޗު ބާކީ އޮއްވައި ނިއުރޭޑިއަންޓް ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފަ އެވެ. ނިއު އަށް 32 ޕޮއިންޓް ލިބިފައިވާއިރު ޓީސީ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.