އަހުމަދު މޫސާ މުހައްމަދު

ދައުވާތަކަށް އަންމަޓީ އިންކާރު ކޮށްފި

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ 42 ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އަންމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ މައްސަލައިގެ 42 ދައުވާ ވަކިވަކިން އިއްވައި މިއަދު ނިންމާފައިވާއިރު އޭނާ ވަނީ ހުރިހާ ދައުވާއެއް ސާފުވެއްޖެ ކަމަށް ބުނެ އެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވައި ނިންމާފައި މިވަނީ އެކި ދުވަސްމަތިން އިބްތިދާއީ އަޑުއެހުންތައް ބާއްވައިގެންނެވެ.

މި މައްސަލައިގައި އަންމަޓީގެ ފަރާތުން ދިފާއީ ހެކިން ހުށަހަޅަން ގާޒީ ހަސަން ސައީދު ވަނީ ދެ މަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. ދައުލަތުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅޭނީ ދިފާއީ ހެކިން ހާމަކުރުމުން ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރީގެ މަޖިލީސްތަކުގައި ނުނިމި ހުރި ދައުވާތައް އިއްވައި ނިންމުމަށްފަހު މިއަދު ދެން ކުރިއަށް ގެންގޮސްފައި ވަނީ އަންމަޓީގެ ބަންދު މުރާޖާ ކުރުމުގެ ބައެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް އަންމަޓީގެ ފަރާތުން އެދިފައި ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށެވެ. މިއީ މިގޮތަށް އަންމަޓީގެ ފަރާތުން އެދުނު ތިން ވަނަ ފަހަރެވެ. އަންމަޓީގެ ދިފާއީ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެފައި ވަނީ ޝަރުތަކެއް ކޮށްފައި ނުވަތަ މީހަކު ޖާމިނުކޮށްފައި އަންމަޓީ ދޫކޮށްދިނުމަށެވެ. އަދި ދިގު މުއްދަތަކަށް ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްގެން ގެންގުޅުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އަންމަޓީގެ މައްޗަށް އުފުލާފައި ވަނީ 42 ދައުވާ ކަމަށްވާތީ ތަފްސީލީ ގޮތެއްގައި ދައުވާއަށް ޖަވާބުދާރީވާން ފަސޭހަވާނީ މުވައްކިލާއި އެކީ ގިނަ ވަގުތު ހޭދަކޮށްގެން ކަމަށް ވެސް މުހުތާޒް ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްމުން ދައުލަތުގެ ވަކީލް ވިދާޅުވެފައި ވަނީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަންމަޓީއަކީ ފިލައިފާނެ ކަމުގެ އިހުތިމާލް އޮތް މީހެއް ކަމަށެވެ. އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށާއި މާޒީގައި އޭނާ ތަހުގީގަށް ހާޒިރުވެފައި ނުވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އަންމަޓީ ބަންދުން ދޫކޮށްލެވޭނެ އެކި ގޮތްތަކާ ގުޅޭ ގޮތުން ގާޒީ ހަސަން ސައީދު ވަނީ ސުވާލު ކުރައްވާފަ އެވެ. އެގޮތުން އޭނާ އަކީ ފިލައިގެން ދިއުމަށް ކިހާ ބާރުވެރިކަމެއް އޮތް މީހެއް ކަމަށާއި ޕާސްޕޯޓް ހިފަހައްޓާފައި ބަންދުން ދޫކޮށްނުލެވޭނެތޯ ދައުލަތުގެ ވަކީލުންނާއި ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ ފަރާތުން ވަކީލް ވިދާޅުވެފައި ވަނީ އޭނާ ފިލައިފާނެކަމުގެ އިހުތިމާލް އޮތީ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް މީހުން ފިލާފައި އެބަހުރި ކަމަށާއި، ޕާސްޕޯޓް ހިފަހައްޓާފައި ދޫކޮށްލުމަކީ އަންމަޓީ ނުފިލާނެ ކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށެވެ.

ދިގު ބަހުސަކަށް ފަހު ގާޒީ ނިންމެވީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އަންމަޓީގެ ފަރާތުން ފޯމެއް ހުށަހެޅުމަށެވެ. ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ވަކިން ހުށަހެޅުމުން އެކަމަށް ވަކި އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވަނީ މަޖިލިސް ނިންމަވާލައްވަމުން ވިދާޅުވެފަ އެވެ.

އެހެންކަމުން މިއަދުގެ މަޖިލީހުގައި އަންމަޓީގެ ބަންދާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާ އެކީ އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެ އަމުރު ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އެހެންކަމުން އަންމަޓީ އަނެއްކާވެސް ހުރީ ބަންދުކޮށްފަ އެވެ.

އަންމަޓީ ބަންދުން ދޫކޮށްލުމަށް ދައުލަތުގެ ފަރާތުން ގެންދަނީ ތަކުރާރުކޮށް އިއުތިރާޒް ކުރަމުންނެވެ. ދައުލަތުން ފާހަގަކުރާ ގޮތުގައި ދެ އަހަރު ވަންދެން އަންމަޓީ އުޅުނީ ތަހުގީގަށް ފިލައިގެން ކަމަށާއި އޭނާ ގައުމަށް އެނބުރި އައީ ސްރީލަންކާއިން ޑީޕޯޓް ކޮށްލުމުން ކަމަށެވެ. އެހެންކަމުން އޭނާ ކޯޓަށް ހާޒިރުނުވެދާނެތީ އާއި ޝަރީއަތަށް ފިލައިފާނެ ކަމުގެ އިހުތިމާލް ވަރަށް ބޮޑު ކަމަށް ދައުލަތުން ދެެކެ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.