އަހުމަދު މޫސާ މުހައްމަދު

އަންމަޓީ ދޫކޮށްލި މައްސަލައިގެ ހުކުމް އެހެން ދުވަހަކަށް

Apr 24, 2022
1

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ހުކުމްކުރަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ހިޔާނާތުގެ ކުށުގައި ދައުލަތުން 42 ދައުވާ އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އަންމަޓީ ދޫކޮށްލީ މިދިޔަ މަހު އެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް ހައިކޯޓުން ވަގުތު ގުނީ ގޯސްކަމަށް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ހައިކޯޓުގެ ނިންމުން ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅުމުން ނިމުނު ހަފްތާގައި ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފަ އެވެ.

މިއަދު ހުކުމްކުރަން ތާވާލުކުރި އަޑުއެހުން ކެންސަލްކުރި ސަބަބު ސުޕްރީމް ކޯޓަކުން ނުބުނެ އެވެ. އަދި ހުކުމްކުރުން ފަސްކުރި ތާރީހު ވެސް ނުބުނެ އެވެ.

އަންމަޓީއާ ގުޅޭ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް މައްސަލަ ނިންމަންދެން ދައުލަތުގެ އެއްވެސް ވެރިއަކު އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ނުދެއްކުމަށްވެސް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.