މުހައްމަދު އަސްލަމް

ވެށިފަހި ޕްރޮގްރާމް މަޑުޖައްސާލަން އޭސީސީން ވަނީ އަންގާފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި "ވެށިފަހި" ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ކުދި ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ދޭން ނިންމާފައިވާ ފަރާތްތަކަށް ބިން ހަވާލު ކުރުން މަޑު ޖައްސާލަަން އޭސީސީން އަންގާފައިވާ ކަަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިގެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ހަސަން ލަތީފްގެ ސުވާލަކަށްވީ ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން މާލެއިން ބިންކޮޅެއް ދޫކޮށްލުމުން މާލެ ސަރަހައްދުން ބިމެއް ނުވަތަ ބޯހިޔާވަހިކަން ދިނުމަކީ އެއީ އެމްޑީޕީން ވެފައޮތް ވައުދެކެވެ. އެ ޕްރޮގްރާމް މި ސަރުކާރުން ހިންގާނެތޯ އާއި އެކަން ފެށޭނެ ތާރީހަކީ ކޮބައިތޯ ސާފު ކުރުމެވެ.

އަސްލަމް ވިދާޅުވީ އެ މަސައްކަތަކީ ކުރީގެ ސަރުކާރުން ފަށައިފައިވާ މަސައްކަތަކަށް ވާތީ އެކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަމުގައި ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެ މަސައްކަތް މަޑުޖައްސާލަން މިދިޔަ މަހު އޭސީސީން އެންގުމުން އޭނާގެ އަތް ބަނދެވިފައިވާ ކަމަަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އެކަން ކުރިއަށްދާން ޖެހޭ. ނަމަވެސް ގާނޫނީ އެހެނިގެން މުއައްސަސާތަކުން ވެސް އަޅުގަނޑުގެ މައްޗަށް ލާޒިމްކުރާ ކަންތައްތަކާ އެކީގައިހުއްޓިފައި އޮތީ. އޭގެ އިތުރުން މާލެއިން ބިންކޮޅެއް ދޫކޮށްފަ ތަނެއް ދިނުމުގެ ފިކުރު އޮތީ ގުޅިފަޅުގައި އަޅުގަނޑުމެން ހިއްކާ ހިއްކުމާ އެކީގައި އަންނަ 1200 ލޭންޑް ލޮޓެއްގެ ވާހަކަ މިތަނުގައި [މަޖިލީހުގައި] އަޅުގަނޑު ދަންނަވާފައިވާނެ. އެ 1200 ލޮޓް ދެން އެ ވެށިފަހި ފަދަ ޕްރޮގްރާމްގެ ގޮތުގައި ހިންގާނީ" އަސްލަމް ވިދާޅުވި އެވެ.

"ވެށިފަހި" މާލެ ޕްރޮގްރާމުގެ ދަށުން ދޫކޮށްލާފައިވާ 66 ބިމެއް 2018 ވަނަ އަހަރު ވިއްކާލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ފަހަރު އެ ބިންތައް ނުވިއްކުނެވެ. ބިންތައް ގަލޮޅާއި ހެންވޭރު އަދި މާފަންނާއި މައްޗަން ގޯޅީގައި ވެސް އެބަހުއްޓެވެ. ގަލޮޅުގައި 11 ބިމެއް އޮތްއިރު ހެންވޭރުން 25 ބިމެއް އެބައޮތެވެ. މައްޗަންގޮޅިން ފަސް ބިމެއް ހުސްކޮށް އޮތް އިރު އަދި މާފަންނުގައި 25 ބިމެކެވެ.