މާލޭ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުުގެ ތަފުސީލުތައް ހޯދަން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ފަސް ސުވާލެއް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވައިިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހައުސިން މިނިސްޓަރު އަސްލަމަށް ލިއުމުން ޖަވާބު ހޯދާ ގޮތަށް ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފަސް ސުވާލު މިނިސްޓަރަށް ފޮނުއްވާނެ ކަމަށެވެ.
އެ ގޮތުން ހަސަން ލަތީފްގެ ފުރަތަމަ ސުވާލަކީ މާލެ ސަރަހައްދުގައި ހިންގުމަށް ސަރުކާރުން ރާވާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް މިހާތަނަށް ނުފަށާ އޮތްނަމަ އެ މަޝްރޫއުތައް ހިންގަން ފެށޭނެ ތާރީހާއި ނިމޭނެ ތާރީހުގެ އަންދާޒާއެއް ދެއްވުމެވެ.
ދެވަނަ ސުވާލަކީ ސަރުކާރުން ރާވައި މިހާތަނަށް ނުފެށި އޮތް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހަމަޖެހިފައި އޮތީ މާލެ ސަރަހައްދުގެ ކޮން ކޮން ސަރަހައްދުތަކުގެ ތަފުސީލުތައް ހޯދުމުގެ ސުވާލެވެ. އަދި ތިންވަނަ ސުވާލަކީ އެ މަޝްރޫއުތަކުގެ ފްލެޓާއި ގޯތީގެ އަދަދާއި ބޮޑު މިނުގެ ތަފުސީލުތައް ދިނުމުގެ ސުވާލެވެ.
މެންބަރުގެ އިތުރު ސުވާލުތަކުގެތެރޭގައި މާލެ ސަރަހައްދުގައި ރާވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި މާލެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަނޑައެޅިފައިވާ ފްލެޓާއި ގޯތީގެ އަދަދާއި ބޮޑު މިނާއި އެ ތަންތަން އަޅަން ރާވާފައިވާ ސަރަހައްދުގެ ތަފުސީލުތައް ހޯދުން ހިމެނެ އެވެ. އަދި މާލެ ސަރަހައްދަށް ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް ކޮންޓްރެކްޓް ކުރެވިފައިވާ މަޝްރޫއުތަކަކީ ކޮބައި ކަމާއި ކޮންޓްރެކްޓް ނުކުރެވޭ މަޝްރޫއުތަކަކީ ކޮބައިތޯވެސް އައްސަވަ އެވެ.
އެ ސުވާލުގެގ ޖަވާބުގައި ކޮންޓްރެކްޓް ކުރެވިފައިވާ މަޝްރޫއުތަކުގެ ކޮންޓެކްޓަރުންގެ ތަފުސީލާއެކު ފޮނުވާން އެދިފައިވެ އެވެ.
މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ ފަސް ސުވާލަށް އަސްލަމަށް ފޮނު ވާއިރު، މިނިސްޓަރު އަސްލަމް ދާދި ފަހަކުން ވިދާޅުވެފައި ވަނީ ބޯހިޔާވަހި ކަމަށް އެންމެ ބޮޑަށް ބޭނުން ވެފައި އޮތީ މާލޭ ސަރަހައްދަށް ކަމަށާއި އެ ކަމަށް އިސްކަން ދޭނެ ކަމަށެވެ. މިދިޔަ ސަރުކާރުގައި ވެސް ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހުޅުމާލެ ދެވަނަފިޔަވަހި ހިއްކައި، ހިންގާފައިވެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސޯޝަލް ހައުސިން ޕްރޮޖެކްޓްއެއް ހިންގަން މި ސަރުކާރުން ބިންގާ އަޅާފައިވެ އެވެ. އެ މަޝްރޫއުގެ ތެރެއިން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ގުޅިފަޅުން ހިއްކި ބިމުގައި މާލެ ރައްޔިތުންނަށް 1200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަަށް ސަރުކާރުން ބުނެފައިވެ އެވެ.