ދުނިޔެ

ޒަކަބާގްގެ ފޭސްބުކް ހިއްސާގެ 99 ޕަސެންޓް ޗެރިޓީ އަށް

Dec 2, 2015
1

އަލަތު ދަރިފުޅު، މެކްސް، ފޭސްބުކް މެދުވެރިކޮށް ދުނިޔެ އަށް ދައްކާލުމަށް ފަހު މާކް ޒަކަބާގް އާއި އޭނާގެ އަންހެނުން ޕްރިސީލިއާ ޗޭންގެ އެހެން ބޮޑު ކަމެއް އިއްޔެ އާންމުކޮށްފި އެވެ. ދެ މީހުންގެ ފޭސްބުކް ހިއްސާގެ 99 ޕަސެންޓް ޗެރިޓީ އަށް ހަދިޔާކުރަން ނިންމީ އެވެ.

ފޭސްބުކްގެ ފައުންޑާ އަދި ސީއީއޯ ޒަކަބާގްގެ މި ނިންމުން އިއުލާނުކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް ދަރިފުޅު މެކްސް އަށް ފޮނުވި ސިޓީއެއްގަ އެވެ. އަންހެން ދަރިފުޅު މެކްސް އަށް ލިޔުނު ސިޓީގައި ޒަކަބާގް ބުނެފައި ވަނީ ދެމަފިރިންގެ މިލްކިއްޔާތުގެ ފޭސްބުކް ހިއްސާގެ 99 ޕަސެންޓް ޗެރިޓީ އަށް ދޭން ނިންމީ އެމީހުންގެ ދަރިފުޅު ބޮޑުވާއިރަކަށް ދުނިޔެ މިހާރަށް ވުރެ ރަނގަޅު ތަނަކަށް ހެދުމުގެ ނިޔަތުގައި ކަމަށެވެ.

ޒަކަބާގްގެ ދެމަފިރިންގެ ފޭސްބުކް ހިއްސާ ހަދިޔާކުރަން ނިންމާފައި ވަނީ ޗޭން ޒަކަބާގް އިނިޝިއޭޓިވްގެ ނަމުގައި ހިންގާ އެހީގެ ފައުންޑޭޝަނަށެވެ. ޒަކަބާގް ބުނެފައި ވަނީ 99 ޕަސެންޓް ހިއްސާގެ އަގު މިހާރު ވެސް 45 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

މިދިޔަ ހަފުތާގައި ދަރިފުޅު އުފަންވި ނަމަވެސް ޒަކަބާގްގެ ދެމަފިރިން އެމީހުންގެ ދަރިފުޅު ޚަބަރު ދުނިޔެއާ ހިއްސާކޮށްފައި ވަނީ އިއްޔެ އެވެ.

ހިއްސާގެ 99 ޕަސެންޓް ޗެރިޓީ އަށް ދޫކޮށްލަން ޒަކަބާގް ނިންމާފައިވާއިރު މީގެ ކުރިން އޭނާ ހިންގާފައިވާ މިފަދަ ޗެރިޓީ ހަރަކާތްތަކަކީ ހަމައެކަނި ފޭސްބުކަށް ހާއްސަ ހަރަކާތްތަކެއް ކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ. ނަމަވެސް އެފަދަ ފާޑުކިޔުމަކަށް މިފަހަރު ފުރުސަތެއް ނެތެވެ.

ޒަކަބާގްގެ މި ނިންމުމަށް އެމެރިކާގެ މަޝްހޫރު ބިލިއަނަރު އަދި ވޮރެން ބަފެޓް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ޖެހެނީ ފޭސްބުކްގެ ވިޔަފާރީގެ ތެރެއިން ނުކުމެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަކުރުމަށް މާކް ޒަކަބާގް މިފަހުން ވަރުގަދަ ކެމްޕޭނެއް ފަށާފައިވާ ކަމެވެ. އެގޮތުން މިފަހުން އޭނާ ދަނީ ދުނިޔެ އަށް އަމާޒުކޮށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމުގެ އިތުރުން ދުނިޔޭގެ ބާރުގަދަ ލީޑަރުންނާ ވެސް ބައްދަލުކޮށް އެކި މައްސަލަތަކުގައި މަޝްވަރާކުރަމުންނެވެ.