ހަބަރު

ސީސީސީސީގެ ޓީމް ބްރިޖާގުޅޭ ސައިޓްތައް ބަލައިފި

މާލެ/ހުޅުލެ ގުޅުވައިދޭ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅަން ހަވާލުވި ޗައިނާގެ ސީސީސީސީ ކުންފުނީގެ ޓީމެއް ބްރިޖާ ގުޅުންހުރި ސައިޓްތަކަށް ޒިޔަރާތްކޮށްފި އެވެ.

ސައިޓްތަކަށް އެ ޓީމް ޒިޔާރަތްކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. އެގޮތުން ބްރިޖް ގުޅިގެންދާ ދެ ރަށް ކަމަށްވާ މާލެ އާއި ހުޅުލޭގެ ދެ ސައިޓަކަށާއި ހުޅުމާލޭގެ ސައިޓަކަށް ޒިޔާރަތްކޮށް ބަލާ ހެދި އެވެ.

ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުނި، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމް ރާއްޖެ އައިސްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. މި ޓީމް ރާއްޖެ އައި ސައިޓްތައް ބަލައި އިދާރީ އެންމެ ފަހުގެ ތައްޔާރީތައްވާއިރު މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގައި މޮބިލައިޒްވާ ޓީމްތައް ވެސް މި ހަފުތާގެ ތެރޭގައި ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުން ނިންމާ ގޮތަށް ފަށާ ބިޔަ ޕްރޮޖްކެޓަކީ ޗައިނާ ސަރުކާރުން ބޮޑު ބައެއް ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މިއީ ފަހަކަށް އައިސް ޗައިނާގެ އެންމެ ބޮޑު ފޮރިން އެއިޑް ޕްރޮޖްކެޓެވެ.

މި ޕްރޮޖެކްޓްގެ ބަޖެޓަށް ލަފާކޮށްފައިވާ 250 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ހަރަދުކުރާނީ ޗައިނާ ސަރުކާރުންނެވެ. މަސައްކަތް މުޅިން ނިންމަން 250 އެއްހައި މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ މަސައްކަތް ކުރަން ހަމަޖެއްސި ސީސީސީސީ އިން ބްރިޖް އަޅައިދެނީ 200 މިލިއަން ޑޮލަރަށެވެ

ބްރިޖާ ގުޅޭ ޓީމްތައް ރާއްޖޭގައި ގާއިމުވަމުން އަންނައިރު އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސުނާމީ ބިނާ ހުރިތަނުން ނެގުމަށްފަހު އެ ސަރަހައްދު ބަންދުކޮށް ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އަދި ސީސީސީސީގެ އަށް ބޭނުންވާ ސައިޓް އޮފީސްތަކާއި ލޭބާ ކްއާޓަރުތައް އަޅަން ބޭނުންވާ ތިން ބިން ވެސް މިހާރު ވަނީ މާލެ އާއި ހުޅުލެ އާއި ހުޅުމާލެއިން ފާހަގަކޮށްފަ އެވެ.


ސީސީސީސީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ޓޮންގް ޔަންގް ރިވާ ހައިވޭ ބްރިޖު ހިމެނެ އެވެ. މިއީ ގާތްގަނޑަކަށް 62 މީޓަރު އުސް ބްރިޖެކެވެ. މި ބްރިޖުގެ ދިގުމިނުގައި 32 ކިލޯ މީޓަރު ހުންނާނެ އެވެ.

ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލެ/ހުޅުލެ ބްރިޖްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށާނީ ޖޫން، 2018 އިގަ އެވެ.