ސިނަމާލެ ބުރިޖުގެ މަސައްކަތަށް ރާއްޖެ އައި ޗައިނާގެ ސީސީސީސީގެ މުވައްޒިފުންގެ އެކަމޮޑޭޝަނަށް އުސްފަސްގަނޑުގައި އަޅާފައި ހުރި ގެތަށް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
އުސް ފަސްގަޑުގައި ތިބި ޗައިނާ މީހުންނަކީ ބްރިޖުގެ މެއިންޓެނަނަސް ބެލެހެއްޓުމުގެ ގޮތުން ތިބި މީހުންނެވެ. އެމީހުންގެ އޮފީސް ވެސް ހިންގީ އުސް ފަސްގަނޑުގަ އެވެ. ސީސީސީސީގެ ސައިޓު ރޫޅާލި ނަމަވެސް، ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ. ކުންފުނީގެ މުވައްޒަފުން ދެން ތިބޭނީ ހުޅުމާލޭގަ އެވެ.
ބުރިޖުގެ މަސައްކަތަށް ޗައިނާ މީހުނަށް ދޫކޮށްފައިވާ އުސް ފަސްގަނޑަކީ ގިނަ ބަޔަކު ހިތްހަމަ ޖައްސާލުމަށް ކުރިން ބޭނުން ކުރަމުން ދިޔަ ސަރަހައްދެކެވެ.
ބްރިޖުގެ މަސައްކަތް ނިމި އަހަރެއް ވެފައިވާއިރު، ބްރިޖާ އިންވެގެން އޮންނަ ލޮނުޒިޔާރަތްކޮޅުގައި ވެސް ބްރިޖު މަސައްކަތްކުރި ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކެއް ހުއްޓެވެ. އެތަން ރޫޅާލައި އެ ސަރަހައްދުގައި މިހާރު ވަނީ ޕާކެއް ތަރައްގީ ކޮށްފަ އެވެ.
ބްރިޖުގެ މަސައްކަތުގައި 1000 އެއްހައި މީހުން އުޅުނުއިރު އޭގެތެރޭގައި ޗައިނާއާއި ބަންގްލަދޭޝްގެ މީހުން ގިނަ އަދަދަކަށް ހިމެނުނެވެ.