ސިނަމާލެ ބްރިޖާ ހަވާލުވެ، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ތަމްރީން ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.
ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުނިންނެވެ. މެއިންޓޭނަންސް އާއި އެހެނިހެން ހަރަދުތައް ކުރަނީ ޗައިނާ ސަރުކާރުންނެވެ.
ދިވެހި ސަރުކާރާއެކު އެ ކުންފުނިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ބްރިޖު ބަލަހައްޓަން ޖެހެނީ ދެ އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހުން އެ މަސައްކަތް ކުރަން ދިވެހިން ތަމްރީން ކުރަން ކުރީ ސަރުކާރުން އޮތީ ނިންމައިފަ އެވެ. ދެ އަހަރުގެ މުއްދަތު މި އަހަރު ސެޕްޓެމްބަރު މަހަށް ހަމަވާނެ އެވެ.
އެކަމާ ގުޅޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބްރިޖު ބަލަހައްޓަން ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މީހުން ތަމްރީން ކުރަމުން އަންނަނީ ސީސީސީސީ ކުންފުނިން ކަމަށާއި ކޮންޓްރެކްޓު ހަމަވާ ދުވަހުން ފެށިގެން ދިވެހިން ބްރިޖު ބެލެއްޓުމާ ހަވާލުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް އެ މަސައްކަތައް ތަމްރީން ކުރަމުން އަންނަނީ ކިހާ މީހުންނެއް ކަމެއް ނުބުނެ އެވެ.
"ބްރިޖު ބަލަހައްޓަން ތަމްރީންތައް ދެމުން އަންނަނީ އިންޖީނިއަރިން އާއި އިކުއިޕްމަންޓުތައް އޮޕަރޭޓު ކުރަން. އަދި ބްރިޖުގެ މެއިންޓެނަސްގެ މަސައްކަތްތައް ވެސް އެ މީހުން ކުރަމުން ގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ސީސީސީސީ އިން ބްރިޖު ބަލަހައްޓަމުން އަންނަ އިރު އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބްރިޖުގެ ދަގަނޑުތަކުން ދަބަރު ފިލުވުމުގެ މަސައްކަތެވެ. އެތަނުގައި ލޮނުގެ އަސަރު ގަދަވުމާއެކު ދަބަރު ފިލުވުމުގެ މަސައްކަތައް ގިނަ ހުރަސްތަކެއް ހުއްޓެވެ. ނަމަވެސް މިހާރު ގިނަ ދުވަސްތަކެއްގެ ދިރާސާއަށް ފަހު އާ މެޓީރިއަލްއެއް ބޭނުންކޮށްގެން އެ މަސައްކަތް ކުރަމުން އެބަދެ އެވެ.