ސިނަމާލެ ބްރިޖުގެ އަހަރީ އިންސްޕެކްޝަނަށް ބްރިޖްގެ ދެ ލޭނެއް ބަންދު ކޮށްގެން މިއަދު މަސައްކަތް ފަށައިފި އެވެ.
ބްރިޖު އަޅާފައިވާ ޗައިނާގެ ސީސީސީސީ ކުންފުނިން މި އިންޕެކްޝަން ކުރިއަށް ގެންދަނީ ދުރާލާ އެކަން ކުރާނެކަން އަންގައިގެނެވެ.
މި އިންޕެކްޝަނާބެހޭ ގޮތުން، ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސިނަމާލެ ބުރިޖު ބޭނުން ކުރާތާ އެއް އަހަރު ވުމާ ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަނެއް ހަދަން ބައެއް ގަޑިތަކުގައި މާލެ އިން ހުޅުލެއަށް ދާ ދެ ލޭން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ބްރިޖު ބަންދުކުރާ ގަޑިތަކުގައި ހުޅުލެ އިން މާލެއަށް އަންނަ ލޭން ވަގުތީ ގޮތުން ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް އެ ލޭން އިން ދުއްވާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.
ބްރިޖް ބަންދު ކުރާ ދުވަސްތަކާއި ގަޑިތައް
- ހުކުރު ހެނދުނު 8:00 އިން މެންދުރު 2:00 އަށް
- މިއަދު ހެނދުނު 8:00 އިން މެންދުރު 2:00 އަށް
- ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް
ރާއްޖޭގެ ތާރީހުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ އެންމެ ބޮޑު މަސައްކަތް ކަމަށްވާ ސިނަމާލެ ބްރިޖު އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް ބްރިޖު ހުޅުވާފައިވަނީ ކުލަގަދަ ރަސްމީއްޔާތެއް ބާއްވައިގެންނެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ސިނަމާލެ ބްރިޖު އަޅަން 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ. މި ބްރިޖުގެ ދިގުމިނުގައި ދެ ކިލޯމީޓަރު ހުންނައިރު، ފުޅާ މިނުގައި 20.3 މީޓަރު ހުރެ އެވެ.