ދުނިޔެ

ތާލިބާނުންގެ ހަތަރު މީހަކަށް ޕާކިސްތާނުން މަރުގެ ހުކުމް ތަންފީޒުކޮށްފި

Dec 2, 2015

ކޯހަތު (2 ޑިސެމްބަރު) - ޕާކިސްތާނުގެ އުތުރު-ހުޅަނގު ބިތުގައި އޮންނަ ސިޓީއެއް ކަމުގައިވާ ޕިޝާވަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތާލިބާން ހަނގުރާމަވެރިންގެ ބަޔަކު ސްކޫލަކަށް ދިން ބޮމާއި ބަޑީގެ ހަމަލާތަކެއްގައި 150 އަށް ވުރެ ގިނަ މީހުން މަރާލި މައްސަލައެއްގައި ކުށްވެރިވެ ހަތަރު މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

ދަން ޖައްސައިގެން މި ހަތަރު މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެމީހުން މަރާލާފައި މި ވަނީ ޕިޝާވަރުގެ އާމީ ޕަބްލިކް ސްކޫލަށް ހަމަލާ ދިންތާ އަހަރު ފުރެން ދެ ހަފުތާއަށް ވެފައި ވަނިކޮށެވެ.

ތާލިބާނުން އެ ސްކޫލަށް ހަމަލާ ދިނީ 16 ޑިސެމްބަރު، 2014ގަ އެވެ.

މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ހަތަރު މީހުންގެ މައްޗަށް ޝަރީއަތްކޮށް ހުކުމް އިއްވާފައި ވަނީ ޕާކިސްތާނުގެ އަސްކަރީ ކޯޓެއްގަ އެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމަށް އޭގައި ސޮއިކުރައްވާފައި ވަނީ ސިފައިންގެ ވެރިޔާ ޖެނެރަލް ރަހީލް ޝަރީފް އެވެ.

ޕާކިސްތާނުގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާފައި މި ވަނީ މި އަދަބު ދިނުން މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ.