ޗެންނާއީ (2 ޑިސެމްބަރު) - އިންޑިއާގެ ދެކުނު ބިތުގައި އޮންނަ ޓެމިލް ނާޑޫ އަށް މިދިޔަ މަހުން ފެށިގެން ކުރަމުން އަންނަ ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަޑައިގެން ދިއުމުގެ ތަފާތު ހާދިސާތަކުގައި އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު 188 އަށް އަރައިފި އެވެ.
މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކޮށް އެންމެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދަނީ މި ސްޓޭޓްގެ ވެރިރަށް ޗެންނާއީ އަށެވެ. ފާއިތުވި ދެ ދުވަހު ވެސް ބޯކޮށް ވާރޭވެހި ޗެންނާއީގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެތައް ބަޔަކު ހާލުގައި ޖެހި ބައެއް މީހުން އެކި ހިސާބުތަކުގައި ބަންދުވެފައި ވެސް އެބަހުއްޓެވެ.
މިދިޔަ ނޮވެމްބަރު މަހަކީ ވެސް ޗެންނާއީ އަށް ނިކަން ބޯކޮށް ވާރޭވެހުނު މަހެކެވެ. އެގޮތުން ވިއްސާރައާ ގުޅިގެން މުޅި ސިޓީ ހުއްޓުމަކަށް އައި ދުވަސްތަކެއް ވެސް ފެނިގެން ދިޔަ އެވެ.
ދަތުރުތަކަށް ބުރޫއަރާފައިވާއިރު އެއާޕޯޓް ރަންވޭތަކުގަ އާއި ރޭލު ސްޓޭޝަންތަކުގައި ފެންބޮޑުވެގެން ދަތުރުތައް މެދުކަނޑާލާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. ޗެންނާއީގެ ވައިގެ ބަނދަރުގެ ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް ވަކި ގޮތެއް ނެތި ކެންސަލްކޮށްފައިވާއިރު ފެންބޮޑުވުމުގެ ސަބަބުން އެއާޕޯޓުގައި ބަންދުވެފައި ތިބި މީހުންގެ އަދަދު 400 އަށް އަރަ އެވެ.
ވިއްސާރައިގެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު ޗެންނާއީގެ 60 ޕަސެންޓް ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް ވެސް ކަނޑާލައިފަ އެވެ. އިންޑިއާގެ މިފަދަ ސިޓީތަކުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ކަރަންޓް ޝޯޓްތައް ހިނގައި ކަރަންޓްގައި ޖެހިގެން މީހުން މަރުވުމަކީ ވެސް އާންމު ކަމެކެވެ.
ބޯ ވިއްސާރައާ ގުޅިގެން ޓެމިލް ނާޑޫގެ ހަ ޑިސްޓްރިކްޓެއްގެ ސްކޫލްތަކާއި ކޮލެޖުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.