ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވަގުތީ އާއި ބިދޭސީ ޓީޗަރުން އިތުރުވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް: ރައީސް

Oct 17, 2021
2

ރާއްޖޭގެ ތައުލީމީ ދާއިރާގައި މިއަދު މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށާއި، އެކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަތީ ސާނަވީ ނިންމައި މަތީ ތައުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ ޤައުމު އާރާސްތުކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރަންވީ މަރުޙަލާ ކަމަށެވެ. އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާ މެދު އެ ކުދިން ވިސްނާއިރު ސަރުކާރުން އޮތީ އެ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ގެންގޮސްދޭން ތައްޔާރަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހުރެގެން ވިޔަސް އަދި ރާއްޖޭން ބޭރުން ވިޔަސް، އެކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށެވެ. އެކާވީސް ވަނަ ސައްތައިގެ ތައުލީމުގެ އަމާޒަކީ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖުތަމައަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭ ފަދަ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

"އެކާވީސް ވަނަ ސައްތައިގެ ތައުލީމު އަމާޒު ހިފާފައިވަނީ ދަރިވަރުންގެ ހަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް އެ ކުދިން ތައްޔާރުކޮށްދިނުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫން ކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއް ކަމަށެވެ. އަދި މުސާރަ އަކީ ވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫން ކަމަށާއި، އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއް ކަމަށެވެ. މިގޮތުން އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާ، އުފެއްދުންތައް ނެރެވޭ ފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ޤާބިލްކަން ހޯދައިގެން ކަމަށާއި، ކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުސަތުތައް، ކުދިންގެ ފަހަތުން އަންނަ ފަދަ ބަޔަކަށް ވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ޤައުމުގެ ހިންގުމާ ޙަވާލުވާނީ، ވަކި ތައްގަނޑަކަށް ޤައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީއާ ފައިހަމަވާ ގޮތަށް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް. މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުން ޙާޞިލްކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން" ރައީސް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތައުލީމީ މަންހަޖު ތަރައްގީކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖޭން ނުލިބުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި، އެކަން އެގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ، އިސްލާމީ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރި ނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމަށާއި، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ކަންތައް މިހާރު ހުރި ގޮތާ ބެހޭ އިލްމީ ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ޖަލްސާގައި ވަނަ ވަނަ އަށް އައި ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމުގައި ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.