އެމްއެންޑީއެފް

ބޯވަ ނަގަން އުޅުނު މީހަކު އޮޔާ ދަނިކޮށް ނަގައިފި

Oct 18, 2021
1

އެކަނި ބޯވަ ނަގަން ގޮސް އުޅުނު މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ސިފައިންގެއިން މިއަދު ބުނީ އޮޔާ ދިޔަ ދިވެހި ފިރިހެން މީހާ ބޯވަ ނަގަން ގޮސް ހުރީ މާލޭގެ އުސްފަސްގަނޑު ސަރަހައްދާ ދިމާލުން ތޮށިބޭރުގައި ކަމަށެވެ.

އެ މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ސަރަހައްދުންނެވެ. ވާދޫ ކަނޑުތެރޭގައި ފަތަމުން ދަނިކޮށް މި މީހާ ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބައެއް ކަމަށް ވެސް ސިފައިން މައުލޫމާތުދެ އެވެ.

އެ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.

ސިފައިންގެއިން އިތުރަށް ބުނީ މިފަދަ އެހެން ހާދިސާ އެއް ވެސް މިއަދު ހިނގާފައިވާ ކަމަށެވެ. އެގޮތުން މާރުކޭޓު ތޮށިމަތިން މަސްބާނަން ގޮސް އުޅުނު ދެ މީހުންގެ ތެރެއިން އެކަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ މީހާ މޫދުން ނަގައި އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތާމަވެރި ހާދިސަތައް ދަނީ ހިނގަމުންނެވެ. އެގޮތުން ލޯންޗެއް ބަންޑުން ޖަހައި މީހަކު މަރުވެފައިވާއިރު ކުޑަ ކުއްޖަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ މީހުންގެ އިތުރުން ކަނޑާ ގުޅުންހުރި އެހެން ކަންކަން ކުރާ މީހުން ވެސް ސަމާލުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.