ކަނޑުމަތީގެ ހާދިސާ

މޫސުން ގޯސްވެ ކަނޑުމަތީގައި އެތައް ހާދިސާއެއް

Jun 30, 2022

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން ހިނގި ކަނޑުމަތީގެ ހަތް ހާދިސާއަކަށް އެހީތެރިކަން ދިނުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކޮށްފި އެވެ.

ފުރަތަމަ ހާދިސާ އަކީ ރޭ 7:59 ހާއިރު "ކުރޫޒަރ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން ރިޕޯޓްކުރި ހާދިސާ އެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑުގެ ހާބާ ކްރާފްޓް ލޯންޗް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވެފަ އެވެ. ނަމަވެސް ރޭ 8:20 ހާއިރު އެ ދޯނިން ގެއްލުނު މީހާ ފެނިފައިވާތީއާއި އިތުރު އެހީއެއް ބޭނުން ނުވާ ކަމަށް ދޯނިން އެންގުމާ ގުޅިގެން ސިފައިން ވަނީ އިތުރު ހާދިސާއަކަށް އެހީތެރިކަން ދިނުމުގެ މަސައްކަތް ކޮށްފަ އެވެ.

އެގޮތުން ދެވަނަ ހާދިސާގައި ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވިގެންނާއި ދިޔަވާތީ ރޭ 8:15 ހާއިރު ސިފައިންގެ އެހީތެރިކަމަށް އެދިފައިވެ އެވެ. އުޅަނދުގެ ހާލަތު ބެލުމަށް ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދަށް ދިޔުމަށް ހަރަކާތްތެރި ވަނިކޮށް ލޯންޗުގެ ދިޔަވުން ކޮންޓްރޯލް ކުރެވި އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ލޯންޗް ވަނީ ވަދެފަ އެވެ.

ތިންވަނަ ހާދިސާގައި ރިޕޯޓްކޮށްފައިވަނީ ކ. ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލައިގެންނެވެ. މި ހާދިސާގެ މައުލޫމާތު ރޭ 8:40 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑުގެ ހާބަކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ރޭ 9:26 ހާއިރު މާލެ ގެނެސްދީފައިވެ އެވެ. ހަތަރު މީހުންގެ ހާލުވެސް ރަނގަޅެވެ.

ހަތަރުވަނަ ހާދިސާގައި ކ. ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާ" ނަމަކަށް ކިޔާ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވާކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:08 ހާއިރު އެވެ. ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑުގެ ވެލާނާ ލޯންޗުގައި ޑައިންވަރުންނާއެކު ސިފައިން ތައްޔާރީތައް ހާލަތަށް ގެނެސްފައިވެ އެވެ. ނަމަވެސް މި އުޅަނދު ދިޔަވުން ކޮންޓްރޯލް ކުރެވި ސަލާމަތްތެރިކަމާއެކު ގާފަރު ބަނދަރަށް ވަދެފައިވާ ކަމަށް ސިފައިން މައުލޫމާތުދެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެމްޕީއެލް ސަރަހައްދުގައި އޮތް ދެ ބާޖެއް ވާ ކަނޑައިގެން ގޮސްފައިވެ އެވެ. ދެ ބާޖު ކ. ފުނަދޫއާ ކައިރިވަމުންދިޔަ ކަމުގެ މަޢުލޫމާތު ރޭ 8:49 ހާއިރު ސިފައިންނަށް ރިޕޯޓް ކުރި ނަމަވެސް އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ މި ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ފަހުން ވައްދާފައިވެ އެވެ.

ހަވަނަ ހާދިސާގައި އެމްޓީސީސީގެ "މަހާޖައްރާފާ"ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުންދާތީ ރޭ 8:50 ހާއިރު ސިފައިންނަށް ރިޕޯޓް ކުރުމާ ގުޅިގެން ތައްޔާރީ ހާލަތަކަށް ސިފައިން ގެނެސްފައި އެވެ. ނަމަވެސް "މަހާޖައްރާފާ" ފަރަށް އަރާފައި ނުވާ ކަމަށްވެސް ސިފައިންގެއިން ބުނެ އެވެ.

މީގެއިތުރުން ކ. ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ރޭގެ ވަގުތެއްގައި ބީހިފައިވެ އެވެ. ހާދިސާ ހިނގުމާ ގުޅިގެން ސިފައިންގެއިން އެކި ފަރާތްތަކާ ކޯޑިނޭޓްކޮށްގެން އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައިވެ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން ރޭ ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސިފައިންގެއިން ބުނެ އެވެ. އަދި މޫސުމަށް ސަމާލުވެގެން ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.