މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރޭޕް ތުހުމަތު ކުރި ޓީޗަރު ވަޒީފާއަށް ނެރެފި

Oct 19, 2021
1

ރ. މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ސަސްޕެންޑް ކުރި ޓީޗަރުގެ ސަސްޕެންޝަން އުވާލައި އަނބުރާ ވަޒީފާއަށް ނެރެފި އެވެ.

ތުހުމަތުކުރެވޭ ޓީޗަރު ސަސްޕެންޑް ކުރީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު އެވެ. އޭނާގެ ސަސްޕެންޝަން އުވާލީ ޖުލައި މަހުގެ ފަހުކޮޅު އެވެ. އެކަމަކު އޭނާ ސްކޫލަށް ނުކުތީ އޯގަސްޓް 10 ގައި ފެށި ދިރާސީ އާ އަހަރާ އެކު އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ޓީޗަރު އަލުން ވަޒީފާ އަށް ނެރުނީ ފުލުހުންގެ ތަހުގީގު ނިމޭނެ ދުވަހެއް ނޭނގޭތީ ސަސްޕެންޝަންގެ މުއްދަތު ތިން ފަހަރަށް އިތުުރު ކުރުމަށްފަހު ކަމަށެވެ. އޭނާ އަލުން ވަޒީފާ އަށް ނެރުނީ ސިވިލް ސާވިސް ކޮމިޝަންގެ މަޝްވަރާ ހޯދުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

އަހްމަދު އަލީ އިތުރަށް ވިދާޅުވީ ޓީޗަރު އަލުން ވަޒީފާއަށް ނުކުތް ނަމަވެސް ކިޔަވައި ދިނުމާއި ދަރިވަރުންނާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި ބައިވެރި ނުކުރަން ސްކޫލަށް އަންގާފައިވާނެ ކަމަށެވެ. ކިޔަވައިދޭ ޓީޗަރަކަށް ސްކޫލުގައި ކިޔަވައި ނުދެވޭނަމަ އޭނާ ސްކޫލުގައި ދެން ކުރާނީ ކޮން ކަމެއްތޯ އެހުމުން އަހްމަދު އަލީ ވިދާޅުވީ އެކަން ނިންމަވާނީ ސްކޫލާ ހަވާލުވެ ހުންނަވާ އެންމެ އިސް ފަރާތުން ކަމަށެވެ.

މިކަމާ ގުޅިގެން އަވަސް އިން ސުވާލު ކުރުމުން މަޑުއްވަރީ ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި އެ ސްކޫލުގެ ލީޑީން ޓީޗަރު އަހްމަދު ޝަކީބް ވިދާޅުވީ ރޭޕް ކޭސްގައި ތުހުމަތު ކުރާ ޓީޗަރުގެ ސަސްޕެންޝަން އުވާލިކަން ޗިޓަކުން އެންގުން ފިޔަވާ އިތުރު އެއްވެސް އެއްޗެއް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ.

"އެޑިޔުކޭޝަނުން ކޮންމެ ގޮތަކަށް ތިބޭފުޅުން ކައިރީ ބުނި ނަމަވެސް އަޅުގަނޑުމެންނަށް އަންގާފައެއް ނުވޭ ޓީޗަރު ކުލާސްތަކަށް ނުފޮނުވާކަށް. އަޅުގަނޑުމެނަކަށް ނޭނގޭނެ އަހްމަދު އަލީގެ ހިތުގައި ވަކި ގޮތަކަށް އޮންނަ އެއްޗެއް ދެއްތޯ. އަޅުގަނޑުމެންނަށް ޗިޓަކުން އައީ ހަމައެކަނި ސަސްޕެންޝަން އުވާލިކަން،" ޝަކީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާސީ އާ އަހަރާ އެކު ޓީޗަރު ކުރިން ވެސް ކިޔަވައިދިން ގޮތަށް އޭނާ މިހާރު ވެސް މަތީ ގްރޭޑްތަކަށް ގަވައިދުން ކިޔަވައިދޭ ކަމަށެވެ. އޭނާ ކިޔަވައިދޭން ނުކުމެގެން ބެލެނިވެރިންގެ ކަންބޮޑުވުމެއް އަދި ޝަކުވާއެއް ވެސް ސްކޫލަށް ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ރޭޕް މައްސަލާގައި ޓީޗަރަށް އޭރު ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް ޝަކީބް ވިދާޅުވީ އެކަމުގައި ޓީޗަރުގެ ބައިވެރިވުމެއް އޮތް ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"މީގެކުރިން ވެސް މިރަށުގައި އެފަދަ ތުހުމަތުތަކުގައި މީހުން ހައްޔަރު ކޮށްފައިވޭ. އެކަމަކު ތުހުމަތު ކުރެވޭ ކަމަށް ބުނާ ޓީޗަރު މިހާ ދުވަސްވާއިރު ހައްޔަރު ނުކުރާނީ އޭނާގެ މައްޗަށް އެއްވެސް ހެއްކެއް މިހާތަނަށް ނުލިބުނީމަ ކަމަށް އަޅުގަނޑު ދެކެނީ،" ޝަކީބް ވިދާޅުވި އެވެ.

މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން ދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރުގެ އިތުރުން އަދި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީގެ ބައެއް މީހުން ތުހުމަތު ކުރި އެވެ.

އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ ސުކޫލް ކައިރީގައި ހިންގަމުން ދިޔަ ގެސްޓް ހައުސްއަކަށް ގެންގޮސްގެންނެވެ. ކުއްޖާ އެތަނަށް ގެންދިޔައީ ސަސްޕެންޑް ކޮށްފައި ހުރި ޓީޗަރު ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

އަންހެން ކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި، ޖެންޑާ މިނިސްޓްރީއާއި، ފުލުހުންގެ އިދާރާ އިން ވެސް ބެލި އެވެ. އެކަމަކު އެއްވެސް އިދާރާ އަކުން އެ މައްސަލައިގެ އަޕްޑޭޓެއް ފަހުން ދީފައެއް ނުވެ އެވެ.

ރޭޕްގެ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ވެސް ފުލުހުން ނުބުނެ އެވެ. އެކަމަކު އެ މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ގޮވާލައި، މަޑުއްވަރީގައި ތިބޭ ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ 10 މީހަކު މީގެ ކުރިން ހައްޔަރުކުރި އެވެ. ފަހުން އެމީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތާއި އެ ކުދިން ނިސްބަތްވާ ރަށުގެ ނަން ހާމަ ކުރުމަކީ ފުލުހުން ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މަޑުއްވަރީ ރޭޕްގެ މައްސަލައިގައި އެރަށުގެ ނަން ހާމަނުކޮށް ފުލުހުން ހަމައެކަނި ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެނައި ގޮތަށް އަދިވެސް ކުއްޖާ ހުރީ މާލޭގަ އެވެ.