ރ. މަޑުއްވަރި

ހަމަސް ފަހުން މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދައިފި

Dec 1, 2021

ރ. މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލް ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން އެ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސައިފި އެވެ.

މިއަހަރުގެ މޭ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް މަޑުއްވަރީ ސްކޫލް ހިންގަމުން ދިޔައީ ޕްރިންސިޕަލަކު ނެތި އެވެ. ނަމަވެސް މަޑުއްވަރީ ސްކޫލާ އަލަށް ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލް އަބްދުﷲ ހަލީމް އިއްޔެ ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.

މަޑުއްވަރީ ސްކޫލު ހިންގުމާ އިއްޔެއާ ހަމައަށް ހަވާލުވެ ހުންނެވީ އެ ސްކޫލުގެ ލީޑިން ޓީޗަރު އަހްމަދު ޝަކީބް އެވެ.

މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު ނެތިގެން ރައްޔިތުންގެ މަޖިލީހަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާޒިރުކޮށް ސުވާލުކުރެއްވީ އެ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޮކްޓޫބަރު 30 ވަނަ ދުވަހު މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވުމުންނެވެ.

މަޑުއްވަރީގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި ޕްރިންސިޕަލުން ނެތް މައްސަލަތައް އެ ރަށްރަށުގެ ރައްޔިތުން ގެންދަނީ ފާހަގަކުރަމުންނެވެ.

ޕްރިންސިޕަލުންގެ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހުގައި ވިދާޅުވީ މުސާރަ ކުޑަކަމުން ޕްރިންސިޕަލުންގެ މަގާމަށް ބޭފުޅުން ހޯދުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.