އެޗްޕީއޭ

އިންފުލުއެންޒާ މާލެއަށްވުރެ ހުޅުމާލޭގައި ގިނަ

އިންފުލުއެންޒާ ޖެހިފައިވާ މީހުންގެ އާބާދީ މާލެއަށްވުރެ ހުޅުމާލޭގައި ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެއިން ޓެސްޓް ކުރެވުނު ބާވަތުގެ ތެރެއިން އިންފްލުއެންޒާ އޭ، އެޗްފައި ޓައިޕް އަދި އިންފްލުއެންޒާ ބީ ވެސް ފެނިފައިވާ ކަމަށެވެ.

ސެޕްޓެމްބަރު މަހުން ފެށިގެނެ އިންފްލުއެންޒާ ކޭސް ފެނިފައިވާ އަދަދު މަތި ކަމަށާއި މިމަހުގެ މިހާތަނަށް އެއަދަދު އިތުރުވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެހެންކަމުން އިންފްލުއެންޒާގެ އައުޓް ބްރޭކަކަށް ދިއުމުގެ ކުރިން ރައްކާތެރިވުމަށް އިލްތިމާސްކުރެއްވި އެވެ.

ޑރ.އަފްޒަލް ވިދާޅުވީ އިންފުލުއެންޒާގެ އެންމެ ގިން ކޭސް ފެނިފައިވަނީ 18 އަހަރާ 45 އަހަރާ ދެމެދު މީހުންގެ ގައިން ކަމަށެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފެނިފައިވަނީ ހަ އަހަރާ 12 އަހަރާ ދެމެދު ކުދިންގެ ގައިން ކަމަށެވެ. ކޮވިޑްގައި ވެސް ފެންނަގޮތަށް އެންމެ ގިނައިން ބަލި ފެންނަނީ ބޭރުގައި ގިނައިން އުޅޭ މީހުންގެ ގައިން ކަމަށް ވިދާޅުވި އެވެ.

ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ މާލެ ސަރަހައްދު، ގދ. އަތޮޅު އަދި ކ. އަތޮޅުން ކަމަށް ވިދާޅުވި އެވެ. ބައްޔަށް ޓެސްޓް ކުރެވޭ އަދަދާ ބަލާއިރު މާލެ ސަރަހައްދުން 34 ޕަސެންޓް ޕޮޒިޓިވްވެފައިވާއިރު ހުޅުމާލެއިން 58 ޕަސެންޓް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންފުލުއެންޒާއިން ސަލާމަތްވުމަށް އަރިދަފުސް ރޯގާ ހުރެއްޖެނަމަ، ފަސް އަހަރުން ދަށުގެ ކުދިން، އަދި 65 އަހަރުން މަތި މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި އެމީހުން ހޮސްޕިޓަލަށް ދައްކަން ދާނީ ފްލޫ ކްލިނިކްތަކަށް ކަމަށާއި އެހެން މީހުންނަށް ބަލި ޖެހުން ކުޑަކުރުމަށް، ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރަން ވެސް ޖެހޭނެ ކަމަށް ވިދާޅުވި އެވެ.