ދުނިޔެ

އިނގިރޭސި ވިލާތުން ވެސް ސީރިއާ އަށް ބޮން އަޅަން ފަށައިފި

Dec 3, 2015

ދިމިޝްގް (3 ޑިސެމްބަރު) - ސީރިއާގައި ބާރުގަދަކުރަމުން އަންނަ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރު ކަނޑުވާލުމަށް ދުނިޔޭގެ ބާރުތަކުން އެއްގަލަކަށް އަރައި ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއަށް އެންމެފަހުން އިނގިރޭސި ވިލާތް ވެސް ވަދެއްޖެ އެވެ.

އެގޮތުން ސީރިއާގައި އައިއެސްގެ މަގާމުތަކަށް ހަމަލާ ދިނުމަށް ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށް އިނގިރޭސި ރޯޔަލް އެއާފޯސްގެ ޓޯނާޑޯ ޖެޓްތަކުން ވަނީ ފުރަތަމަ ފަހަރަށް އައިއެސް އަށް އަމާޒުކޮށް ސީރިއާ އަށް ހަމަލާތަކެއް ދީފަ އެވެ. ސީރިއާ އަށް ހަމަލާ ދޭން އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި ވަނީ ދިގަ ގަޑިއިރަށް ހޫނުވެގެން ދިޔަ ބަހުސަކަށް ފަހު 397 މެމްބަރުންގެ ވޯޓުންނެވެ.

އައިއެސްއާ ދެކޮޅު ހަރަކާތުގައި ފުރަތަމަ ބައިވެރިވެފައި ވަނީ ރޯޔަލް އެއާ ފޯސްގެ ހަތަރު ފައިޓާ ޖެޓެކެވެ. ހަމަލާ ދިނުމަށް ފަހު ތިން ގަޑިއިރު ތެރޭގައި މީގެ ތެރެއިން ދެ ޖެޓް ވަނީ އެނބުރި އިނގިރޭސި ވިލާތަށް ގޮސްފަ އެވެ.

މި ޖެޓްތަކުން ހަމަލާ ދީފައި ވަނީ އައިއެސްގެ ހަ މަގާމަކަށެވެ. ހަމަލާތައް ދީފައި ވަނީ ސީރިއާގެ އިރުމަތީ ބިތުގައި އައިއެސް އިން ކޮންޓްރޯލްކުރާ ތެޔޮ ވަޅުތަކަކަށެވެ.

އިނގިރޭސި ވިލާތުން ކުރިއަށް ގެންދިޔަ މި ހަމަލާގައި ޖާސޫސީ މައުލޫމާތު އެއްކުރުމަށް ޑްރޯން މަތިންދާބޯޓެއް ވެސް ބޭނުންކޮށްފައިވެ އެވެ.

އައިއެސްއާ ދެކޮޅަށް ސީރިއާގައި ހަމަލާ ދިނުމަށް އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓްގައި 223 މެމްބަރަކު ދެކޮޅަށް ވޯޓް ދެއްވި އެވެ.