ދުނިޔެ

އެމްއެޗް370ގެ ބައިތައް ހޯދުމަށް ބަލަމުން ސަރަހައްދު ރަނގަޅު: އޮސްޓްރޭލިއާ

Dec 3, 2015

މެލްބަން (3 ޑިސެމްބަރު) - ވީނުވީއެއް ނޭނގި ގެއްލިފައިވާ، މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓް އެމްއެޗް370 ވެއްޓުނު ކަމަށް ލަފާކޮށް އޭގެ ބައިތައް ހޯދުމަށް ބަލަމުން އަންނަ ކަނޑުގެ ސަރަހައްދަކީ ލަފާކޮށްފައިވާ ގޮތް ބޯޓް ވެއްޓުނު ސަރަހައްދު ކަމަށް އޮސްޓްރޭލިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެމްއެޗް370 ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ މާޗް މަހު މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށެވެ. ކުއްލިއަކަށް ރާޑަރަށް ގެއްލުމަށް ފަހު އެ ބޯޓަށް ވީނުވީއެއް އަދިވެސް ނޭނގެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ވޮރެން ޓްރަސް ވިދާޅުވެފައި ވަނީ މަތިންދާބޯޓް ފެންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އޮސްޓްރޭލިއާ އިސްކޮށް އޮވެގެން ކުރިއަށް ގެންދާ ސާޗް އޮޕަރޭޝަންގައި އަތްފުނާ އަޅަމުން ދަނީ އިންޑިއާ ކަނޑުގެ ދެކުނު ބިތުގަ އެވެ.

މި ސަރަހައްދު ބެލުމަށް ފަހު ބޯޓްގެ ބައިތަކެއް ނުފެނުނަސް މި ހަރަކާތް ހުއްޓާލާނެ ކަމަށް ވަނީ މިހާރު ބުނެފަ އެވެ. ޓްރަސް ވިދާޅުވީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މި ސާޗް އޮޕަރޭޝަން ހުއްޓާލާނެ ކަމަށެވެ.

މި ހަރަކާތުގައި އޮސްޓްރޭލިއާގެ އޮފިޝަލުންނާއި އެހެން ތަޖުރިބާކާރުން ގުޅިގެން ދަނީ ކަނޑުގެ 120،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލަމުންނެވެ.

މިހާތަނަށް މި އޮޕަރޭޝަނަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައި ނެތަސް މަތިންދާބޯޓްގެ ފިޔަގަނޑުގެ ބައެއް ކަމަށް ބެލެވޭ ބައެއް މިދިޔަ ޖުލައި މަހު ރީޔޫނިއަން ޖަޒީރާ އިން ފެނިފައިވެ އެވެ. ފާހަގަކޮށްލަން ޖެހެނީ އެ ބައި ފެނިފައި ވަނީ ބޯޓް ވެއްޓުނު ކަމަށް ލަފާކޮށް ހޯދަމުން އަންނަ ސަރަހައްދާ 4،000 ކިލޯމީޓަރު ދުރުން ކަމެވެ.

އޮފިޝަލުން ވިދާޅުވެފައި ވަނީ އެމްއެޗް370 ގެ ފިޔަގަނޑުގެ ބައެއް ރީޔޫނިއަން އަށް ލައްގާފައި ވަނީ އޮއިވަރެއްގައި ޖެހިގެން ކަމަށެވެ.

އެމްއެޗް370 ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތަކީ މި ފެންވަރުގެ އެންމެ އަގުބޮޑު ސާޗް އޮޕަރޭޝަނެވެ. މި އޮޕަރޭޝަނަށް 180 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ.