ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިމަމް ވޭޖާއެކު 28،000 މުވައްޒިފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ: ރައީސް

މިނިމަމް ވޭޖު ކަނޑައެޅުމާއެކު 28،000 ވުރެ ގިނަ މުވައްޒިފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގަައި ވާހަކަ ދައްކަވަމުންނެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެ ނިންމުން ފަސްވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ މިނިމަމް ވޭޖަށް ގާނޫނެއް ހެދި ވަކި މުއްދަތެއްްގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅުމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު 2022 ވަނަ އަހަރު ފެށިގެންދާނީ މިނިމަމް ވޭޖު ކަނޑައެޅިގެން ކަމަށެވެ. އެކަން ކުރާއިރު ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ރައްކާތެރި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި ބޯޑެއް އެކުލަވާލާ އެ ބޯޑުން މިހާރު ވަނީ އެ ދިރާސާ ތައްޔާރުކޮށް އަދަދުތަކެއް ކަނޑައަޅުއްވާ އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިވަގުުތު ކުރިއަށް ދަނީ އެންމެ ފަހުގެ ނިންމުން ނިންމުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުން ސަރުކާރުން މުސާރަ ދޭ 15،000 ވުރެ ގިނަ މުވައްޒިފުންނަށް އަދި ޓޫރިޒަމް ދާއިރާގެ 13،000 ވުރެ ގިނަ މުވައްޒިފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ.

"މި ނިންމުމާއެކީގައި އަޅުގަނޑުމެންނަށް މިހާރު ހުށައެޅިފައިވާ ހުށައެޅުމުގައިވާ ގޮތުގެ މަތިން ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާއަދާ ކުރާ ގާތްގަނޑަކަށް 15،000 ވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ބޮޑުތަނުން ލިބިގެންދާނެ. އަދި ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް އަންދާޒާ ކުރެވިފައި މި އޮތީ ތޭރަވަރަކަށް ހާސް މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށް. ސަރުކާރުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކަށް މުސާރަ ދެގުނަ ވެގެންދާތަންވެސް އެބަ ފެނޭ،" ފުއްދުން ލަސްވެފައިވާ މިނިމަމް ވޭޖުގެ ވައުދާއި ގުޅޭގޮތުން ރައީސް މިއަދު ވިދާޅުވިއެވެ.

މި ނިންމުމާއެކީގައި އަޅުގަނޑުމެންނަށް މިހާރު ހުށައެޅިފައިވާ ހުށައެޅުމުގައިވާ ގޮތުގެ މަތިން ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާއަދާ ކުރާ ގާތްގަނޑަކަށް 15،000 ވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ބޮޑުތަނުން ލިބިގެންދާނެ. އަދި ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް އަންދާޒާ ކުރެވިފައި މި އޮތީ ތޭރަވަރަކަށް ހާސް މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށް. ސަރުކާރުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކަށް މުސާރަ ދެގުނަ ވެގެންދާތަންވެސް އެބަ ފެނޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | އއ. ހިމަންދޫ

ރައީސް ވިދާޅުވީ މިނިމަމް ވޭޖާއެކު ސިވިލްސާވިސްގެ މުވައްޒިފުންނަށް މުސާރައިގެ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި ދައުލަތުން ކުރަން ޖެހޭ ހޭދަ އިތުރު ވެގެންދާނެތީ އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނުއްވާނެ ކަމަށެވެ.

"އަންދާޒާ ކުރެވިފައި އޮތްގޮތުން މި އަންނަ އަހަރުގެ ތެރޭގައި ބަޖެޓްގައި 600 މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ކުރަން ޖެހޭ މިނިމަމް ވޭޖް ކަނޑައެޅުމާއެކީގައި. އެކަން އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައިވާނީ ހިމަނާފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގެ މުވައްޒިފުންނާއި ޑޮކްޓަރުންގެ މުސާރަވެސް ބޮޑު ކުރައްވަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މުޅި ދައުލަތުގެ ޕޭހާމަނައިލޭޒަންގެ މަސައްކަތް ނިމި އަންނަ އަހަރު އަމަލު ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ބޯޑުން ދީފައިވާ ލަފާގައިވާ ގޮތުން އެންމެ ކުޑަ އުޖޫރައަކީ 7،000 އެވެ. ނަމަވެސް އެއީ ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒިފުންނަށެވެ. ނަމަވެސް ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާ މުވައްޒިފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި ޕަބްލިކް ސެކްޓަރަށް ކަނޑައަޅާފައިވަނީ ގަޑި އިރަކަށް 33.65 ރުފިޔާ އެވެ.

އެ ލަފާގައި ބުނެފައިވަނީ މަހަކު 7000 ރުފިޔާ މިނިވަން ވޭޖަކީ މިހާރު ޕަބްލިކް ސެކްޓަރު މަސައްކަތް ކުރާ މަދު ގަޑިއަށް ބަލާފައި ޕަބްލިކް ސެކްޓަރަށް ހާއްސަކޮށް ހެޔޮ ބަދަލެއް ގެނައުމަށް ހުށައެޅި އަދަދެއް ކަމަށެވެ. ސިވިލްސާވިސްގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މިހާރު ލިބެނީ ގަޑިއިރަކަށް 53.03 ރުފިޔާ އެވެ. ލަފާގައި ބުނަނީ ޕްރައިވެޓް ސެކްޓަރާއި ޕަބްލިކް ސެކްޓަރާ މިހާރު ހުރި މަސައްކަތު ގަޑީގެ ތަފާތުތައް ކުޑަކުރުމަށްޓަކައި ޕަބްލިކް ސެކްޓަރުގައި މިހާރު މަސައްކަތް ކުރާ ގަޑިތައް ޕްރައިވެޓް ސެކްޓަރާ އެއްގޮތް ކުރަން ހުށައަޅާ ކަމަށެވެ. އަދި މި ބަދަލަށް ފަހު ޕަބްލިކް ސެކްޓަރުގެ މިނިމަމް ވޭޖް މުރާޖާ ކުރުމަށްފަހު އަލުން ކަނޑައަޅަން ހުށައަޅާ ކަމަށްވެސް ލަފާގައިވެއެވެ.

ބޯޑްގެ ލަފާގައި އިތުރަށް ބުނެފައިވަނީ އެހެން ހުރިހާ ވަޒީފާތަކެއްގައި މިނިމަމް ވޭޖު ކަނޑައަޅާނީ ޕްރައިވެޓް ސެކްޓަރަށް ކަނޑައެޅި ބީދައިން އެހެން ނަމަވެސް ހަމައެކަނި މުވައްޒިފުންގެ އަދަދަށް ބިނާކޮށް އެ ތަނެއް ނިސްބަތްވާ ވިޔަފާރީގެ ފަންތި (ކުދި، މެދު ނުވަތަ ބޮޑު) އަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށެވެ.

ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ ކަނޑައަޅަން ލަފާދީފައިވެއެވެ. އެ ލަފާގައި ބުނެފައިވަނީ އެ އަދަދާ ހަމައަށް ވާސިލުވެފައިވަނީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކުގެ މާލީ ހާލަތުގައި ހުރި ފަރަގު ރިއާޔަތްކޮށް މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅޭ ރޭޓަށް ވުރެ ކުޑަ ރޭޓެއް ކަނޑައެޅުމަށް ފެންނާތީއެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ. މި އަދަދަކީ ޕަބްލިކް ސެކްޓަރަށް ދޭން ކަނޑައަޅާފައިވާ ރޭޓެވެ.

ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް 42.79 ރުފިޔާ ކަނޑައަޅާފައިވަނީ ވަޒީފާ އަދާކުރާ ފަރާތާއި އޭނާގެ އާއިލާގެ ޒަރޫރީ ބޭނުންތަކުގެ މިންގަނޑުގެ ދަށުން އެންމެ އެކަށީގެންވާ ކަމަށް ބޯޑުން ކަނޑައަޅާފައިވާ ނުވަތަ "އޮޕްޓިމަމް" ހަރަދުތަކުގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ހަރަދުތައް ވަޒީފާ އަދާކުރާ ދެ މީހުން ހިއްސާވާ ގޭބީސީއަކުން ބޭނުންވާނެ އަދަދު ކަމަށް ކަނޑައެޅިގެން ދިޔަ އަދަދަށް ވާ ރޭޓަށެވެ.