މިނިމަމް ވޭޖް

ހޯމަ ދުވަހު މިނިމަމް ވޭޖް ކަނޑައަޅަނީ

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އަންނަ ހޯމަ ދުވަހު މިނިމަން ވޭޖް ކަނޑައެޅުން އޮންނާނެ ކަން އިކޮނޮމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު އަވަސް އަށް ޔަގީން ކޮށްދެއްވި އެވެ. އޮފިޝަލު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅާއިރު ބަދަލުތަކެއް އަންނާނެ ކަމަށެވެ. ހާއްސަކޮށް ލާޖް ކެޓަގަރީއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

" ކޮވިޑް ހާލަތަށް ބަލާފައި މިނިމަމް ވޭޖަށް ބަދަލުތަކެއް އަންނާނެ." އޮފިޝަލު ވިދާޅުވި އެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400ރ. އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފަ އެވެ.

މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮތީ ފާސްވެސް ކޮށްފަ އެވެ. އެންމެ ކުޑަ އުޖޫރަ ދެވޭނެ ސިނާއަތްތަކުގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވަނީ ވަކި ސިނާއަތްތަކެއް ވެސް ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.