ދުނިޔެ

އެމެރިކާގައި 14 މީހަކު މަރާލީ މުސްލިމު ދެމަފިރިއަކު!

Dec 3, 2015
2

ކެލިފޯނިއާ (3 ޑިސެމްބަރު) - އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމުގައިވާ ސޭން ބާނާޑިއޯގައި ރޭ ބަޑީގެ ހަމަލާތަކެއް ދީ 14 މީހަކު މަރާލީ މުސްލިމު ދެމަފިރިން ކަމަށާއި އޭގެ ތެރެއިން ފިރިހެން މީހާ އަކީ އެމެރިކާގެ ރައްޔިތެއް ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

އެސަލްޓް ރައިފަލް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީ 14 މީހަކު މަރާލައި އިތުރު 17 މީހަކު ޒަޚަމްކޮށްލުމަށް ފަހު ފިލަން މަސައްކަތްކުރި މި ދެ މީހުންނާއި އެމެރިކާގެ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު ފުލުހުން ވަނީ ދެ މީހުން ވެސް މަރާލައިފަ އެވެ. މަރާލާފައިވާ ފިރިހެން މީހާގެ ނަމަކީ ސައީދު ފާރޫގް އެވެ.

އޭނާ އަކީ ސޭން ބާނާޑިއޯގެ ހެލްތު ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އިންސްޕެކްޓަރެކެވެ.

ފާރޫގާ އެކު ހަމަލާގައި ބައިވެރިވި އަންހެން މީހާގެ ނަމަކީ ތަފްޝީން މާލިކް އެވެ. އޮފިޝަލުން ލަފާކުރާ ގޮތުން މިއީ ދެމަފިރިންނެވެ. ނުވަތަ ދެ ލޯބިވެރިންނެވެ. އެކަމަކު މުޅިން ޔަގީނެއް ނުވެ އެވެ.

އެހެން ނަމަވެސް އެމީހުންގެ ހަމަލާ އަކީ ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެމެރިކާގެ ފުލުހުން ބުނެ އެވެ. އެކަމަކު ވެސް މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އަދި ނުނިންމަ އެވެ.

އެމެރިކާގައި މިފަދަ ހަމަލާތައް އާންމުވަމުން އަންނައިރު މިއީ 2012 ވަނަ އަހަރު އެގައުމުގެ ނިއުޓަންގެ ކަނެޓްޓިކަޓްގައި ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާ އަށް ފަހު ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމެވެ. އެ ހަމަލާގައި 26 މީހަކު މަރާލި އެވެ.