އަންކާރާ (3 ޑިސެމްބަރު) - ތުރުކީ ވިލާތުން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ތެލުގެ ވަގު ވިޔަފާރިކުރާ ކަމަށް ރަޝިއާ އިން ބުނާ ވާހަކަ އަކީ ތުރުކީގެ އަގު ވައްޓާލުމުގެ ބޭނުމުގައި ފަތުރާފައިވާ ދޮގު ވާހަކައެއް ކަމަށް އެގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.
ނަމަވެސް ރަޝިއާ އިން ބުނާ ގޮތުން ތުރުކީ އަކީ އައިއެސް އިން ހިންގާ ތެލުގެ ވަގު ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. މިކަން ސާބިތުކޮށްދިނުމަށް ރަޝިއާ އިން ޖާސޫސީ ފޮޓޯ އާއި މައުލޫމާތު ވެސް އާންމުކޮށްފައިވެ އެވެ. ރަޝިއާ އިން ބުނަނީ މި ވަގު ވިޔަފާރީގެ ތެރެއަށް ވަދެފައި ވަނީ ސީދާ ރައީސް އުރުދުގާންގެ އާއިލާ ކަމަށެވެ.
މި ތުހުމަތުތަކާ ގުޅިގެން އުރުދުގާން ވިދާޅުވެފައި ވަނީ އެފަދަ ކަމެއް ސާބިތުވެއްޖެ ނަމަ ރައީސްކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ރަޝިއާ އާއި ތުރުކީއާ ދެމެދު މައްސަލަ ހޫނުވެ ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނީ ތުރުކީ އިން މިފަހުން ރަޝިއާގެ ދެ ފައިޓާ ޖެޓެއް ވައްޓާލުމާ ގުޅިގެންނެވެ. ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަމަލާ ދިނުމަށް ރަޝިއާ އިން ބޭނުންކުރަމުން ދިޔަ ދެ ބޯޓް ތުރުކީ އިން ވައްޓާލާފައި ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަން ކަމަށް ބުނެ އެވެ.
ނަަމަވެސް ރަޝިއާ އިން ބުނަނީ ތުރުކީން އެމީހުންގެ ބޯޓް ވައްޓާލީ އައިއެސް އަށް އެހީތެރިވުމަށް ކަމަށެވެ.
މި މައްސަލާގައި ދެ ގައުމުގެ ގުޅުން ގޯސްވަމުން އަންނައިރު ރަޝިއާ އިން ދަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅަމުންނެވެ. އަދި އަސްކަރީ ފިޔަވަޅު އެޅުމުގެ ބިރު ވެސް އެބައޮތް ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.
ނަމަވެސް އުރުދުގާން ވިދާޅުވެފައި ވަނީ ރަޝިއާ އާއި ތުރުކީގެ ގުޅުން އިތުރަށް ގޯސްވުމަކަށް ނޭނދޭ ކަމަށެވެ.