ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި

Oct 24, 2021

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ކުޅުދުއްފުށި ސިޓީގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވައި އެ ދަނޑުގައި ގައުމީ ޓީމާއި ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ބައްލަވައިލައްވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފަ އެވެ. އަދި މި ޖަލްސާގައި ޔޫތް އެވޯޑް ހާސިލުކުރި ޒުވާނުންނަށް އެމަނިކުފާނު އެވޯޑް ހަވާލުކޮށްދެއްވާފައިވެ އެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިއްމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގިދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ރައީސް ސޯލިހް ކުޅުދުއްފުށްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.