ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

ޑިފެންސުގެ އިސް ބޭފުޅުން ހާޒިރުކޮށް ކޮމިޓީ ސިއްރުުކޮށްފި

Oct 24, 2021
3

ގައުމީ ސަލާމަތާ ގުޅޭ ހަތަރު އެއްބަސްވުމަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ބައެއް އޮފިސަރުން ހާޒިރުވެފައިވެ އެވެ.

ކޮމިޓީ އަށް އެ ބޭފުޅުން ހާޒިރުކޮށް ކޮމިޓީ ސިއްރުކުރުމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް އެއްސެވުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އެއްބަސްވުމުގައި "ކޮންފިޑެންޝަލް" އިންނާތީ އެއްބަސްވުމުގެ ދެ ފަރާތުން އެކަމަށް އިހްތިރާމު ކުރުމަށް ލިޔެފައިވާ ކަމަށެވެ.

"އެ އެއްބަސްވުމުގައި އިނދޭ ކޮންފިޑެންޝިއަލިޓީ އަށް ދެ ފަރާތުން ވެސް ރެސްޕެކްޓް ކުރަންޖެހޭނެ ކަމަށް. އެހެންވީމާ ތިބޭފުޅުންނަށް މިއަދު އަޅުގަނޑުމެން ދައްކާނެ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި އަޅުގަނޑުމެން މިގެންދަނީ. އެހެންވީ އެއްބަސްވުން އޭގެ ޒާތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިއްރުވާންޖެހޭނެ،" ކޮމިޓީ ސިއްރުކުރުމުގެ ކުރިން އެ ބައްދަލުވުން ސިއްރުކުރުމާ މެދު މިނިސްޓަރުގެ ހިޔާލު ހުރި ގޮތް ހިއްސާކުރެއްވުމަށް އެދިވަޑައިގަތުމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ އެހެން ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ފޮނުވަމުން ދިޔަ ކޮމިޓީގެ ބައްދަލުވުމުގެ ލައިވް ފީޑް ވަނީ މެދުކަނޑާލާފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއާއި ސިފައިންގެ އިސްވެރިން މިއަދު ކޮމިޓީ އަށް ހާޒިރުކުރީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އުތުރު ތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމާ ގުޅޭ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އާދަމް ޝަރީފް މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން 241 ކޮމިޓީން ވަނީ އުތުރު ތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގެ އިތުރަށް އިންޑިއާ އާއި އެކު ރާއްޖެއިން ސޮއިކޮށްފައިވާ ހައިޑްރޮގްރަފީއާ ގުޅޭ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމުގެ އިތުރަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ސޮއިކޮށްފައިވާ ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ މައުލޫމާތު ވެސް ހޯދަން އެދިފަ އެވެ.

އެ މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފްގައި ކޮމިޓީން އެދުނީ މިމަހުގެ 12 ވަނަ ދުވަހު އެވެެ. ކޮމިޓީން އެދުނު އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތުތަކެއް ހަތް ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް މިދިޔަ ހަފްތާގައި ޑިފެންސް މިނިސްޓްރީގައި އެދިފައިވެ އެވެ. އެކަމަކު އެގޮތަށް އެ މިނިސްޓްރީން އަމަލުކޮށްފައެއް ނުވެ އެވެ.