ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުބާރުގެ

ދަރުބާރުގެ ތަޅައިލައި، އާ އިމާރާތެއް އަޅަނީ

މިހާރު ހުރި ދަރުބާރުގެ ތަޅާލައި އައު އިމާރާތެއް އަޅަން ޕެލޭނެއް ހަދަމުންދާ ކަމަށް ޕްލޭނިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ހެންވޭރު އަވަށުގައި ހުންނަ ދަރުބާރު ގެއަކީ އެއް ދުވަސްވަރެއްގައި ރާއްޖޭގައި ހުރި އެންމެ ރީތި އެންމެ ފުރިހަމަ ބިނާ އެވެ.

ދަރުބާރުގެއަކީ 1990 ވަނަ އަހަރު ބިނާ ކުރި އިމާރާތެކެވެ. އެއީ އެ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރު ކުރި ތަނެކެވެ. ނަމަވެސް މިހާރު އެތަނުގައި ވަނީ ދަބަރު ޖަހައި ސީލިންގު ނެއްޓި ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެ އެވެ.

ދަރުބާރުގެ މަރާމާތު ކުރަނީ ކޮންއިރަކުންތޯ އަވަސް އިން ސުވާލު ކުރުމުން އަކްރަމް މިއަދު ވިދާޅުވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެ އިމާރާތުގައި ކުރާ މަސައްކަތް ނިމުމުން އެތަން ތަޅާލަން ނިންމާފައިވާ ކަމަށެވެ. އަދި އެތަނުގައި ދަރުބާރު ގެއެއް އަލުން އަޅަން ޕްލޭންތައް ހަދަމުންދާ ކަމަށެވެ.

"ދަރުބާރުގެ ކުރިން ވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. މި ސަރުކާރުން އެތަން ކުޑަކޮށްވެސް މަރާމާތު ކޮށްފައި އެހުރީ." އަކްރަމް ވިދާޅުވި އެވެ.

ދަރުބާރުގެ އަކީ ދިވެހި ދައުލަތުން ހަރަދުކޮށްގެން ދިވެހިން ހަދާފައިވާ އިމާރާތެކެވެ.

ދަރުބާރުގެ ބިނާކުރި ފަހުން ދައުލަތުން ބޭއްވި މުހިއްމު ގިނަ ޖަލްސާ ތަކެއް ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ. އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ އެތައް ހަފްލާއެއް ވެސް ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފައިވެ އެވެ. ގައުމީ ފެންވަރުގެ ފެއާތަކާއި އެކްސްޕޯތައް މިއަދާ ހަމައަށް ވެސް އެންމެ ގިނައިން ބޭއްވި ބިނާއަކީ ވެސް ދަރުބާރުގެ އެވެ.