ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ދުބާއީއަށް ފުރާވަޑައިގެންފި

Oct 24, 2021
3

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި އެކްސްޕޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޔޫއޭއީގެ ސަރުކާރުން ދެއްވާ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 26 އޮކްޓޫބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ކިއުއެންޑްއޭ ޕެނަލް އެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫއޭއީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން އެދުވަހު ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. އަދި ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުބާއީއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ. މި އިވެންޓް މިފަހަރު ކުރިއަށްގެންދަނީ އޮކްޓޫބަރު 1، 2021 އިން މާރިޗް 31، 2022 އަށް ދުބާއީގައެވެ. މި އެކްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޫބަރު 2020 އިން 10 އެޕްރީލް 2021 އަށެވެ. އެހެންނަމަވެސް ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން މި އެކްސްޕޯ ކުރިއަށްގެންދިއުން ލަސްކުރެވުނީއެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ 2020 ދުބާއީ ގެ ޝިއާރަކީ 'ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ' އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.