ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޯލްޑް އެކްސްޕޯއަށް ރައީސް ޒިޔާރަތްކުރައްވައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 އަށް ރައީސް ސޯލިހްގެ ދެ ކަނބަލުން ޒިޔާރަތް ކުރައްވައިފި އެވެ.

ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ވޯލްޑް އެކްސްޕޯގައި ބައިވެރިވެ އެވެ. މި އެކްސްޕޯގައި މިއަދަކީ ރާއްޖެ އަށް ހާއްސަކުރާ ދުވަހެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް މިމަހުން ފެށިގެން ހަމަސް ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.

އެކްސްޕޯ އަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ.

މެދުއިރުމަތީގެ ގައުމެއްގައި މުޅިން އަލަށް ބާއްވާ މި އެކްސްޕޯގެ އަމާޒަކީ އާ އީޖާދުތަކާއި އެކިއެކި ހިޔާލުތައް އެއްތަނަކުން ދައްކައިދީ އެކަންކަމުގެ ތެރެއިން އިންސާނިއްޔަތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ އެކްސްޕޯގައި ގާއިމުކުރާ ރާއްޖޭގެ ޕެވީލިއަން އިން ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހި އުފެއްދުންތަކާއި ރާއްޖޭގެ ރީތި މަންޒަރުތަކާއި ދެމެހެެއްޓެނިވި ތަރައްގީ އަކަށް އިސްކަން ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދައްކައިދޭނެ ކަމަށެވެ.

އެކްސްޕޯ ކުރިއަށްދާއިރު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންވެސްޓްމަންޓްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމަންްޓް ފުރުސަތުތައް ބުނެދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި އެކްސްޕޯ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ޒިޔާރަތްކުރައްވާފަ އެވެ. އެކްސްޕޯގައި ބައިވެރިވަޑައިގަތުމަށް ރައީސް ސޯލިހްގެ ދެ ކަނބަލުން ދުބާއީއަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ.