ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ބާލިން ފެއާ އަށް ޒިޔާރަތްކުރައްވައިފި

Mar 8, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޖަރުމަނު ވިލާތުގެ ބާލިންގެ މެސޭ ބާލިންގައި ކުރިއަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ -- އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓިބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރައްވައިފި އެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ. އަދި މިއީ ފާއިތުވި ތިން އަހަރު ރާއްޖެއަށް ވިދިވިދިގެން ތިން ފަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނު ފަހުންވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައިޓީބީ ފެއާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ހިދުމަތްތައް ބައްލަވާލެއްވި އެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރެއްވުމުން އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެސްޓޭންޑުގެ މޮޑެލްއެއް ވެދުމަށް އަރުވާފަ އެވެ.

އައިޓީބީ ބާލިން އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ.

މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން 233 މީހުން ވަނީ ބައިވެރިވެފައިވެ އެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ވަޑައިގެންނެވީ ގަތަރުވެރިރަށް ދޯހާގައި ކުރިއަށް ދިޔަ އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެވެ.

ރައީސް ސޯލިހް ޖަރުމަނަށް ކުރައްވާ މިދަތުރުފުޅުގައި އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔައާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.