ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިންވަނަ ފަހަރަށް އެވޯޑް ހޯދައިދިނީތީ ރައީސްގެ ޝުކުރު

ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވީ މިއަދު އެމްއެމްޕީއާރުސީއަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވޯލްޑް ޓްރެވަލް އެވޯޑްގައި، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި، ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑް އެވޯޑް ރާއްޖެއަށް ލިބިފައިވާތީ އެކަން ފާހަގަކުރައްވާ އެމްއެމްޕީއާރްސީގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުހަބާ ވިދާޅުވި އެވެ.

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް މިއަހަރާ އެކު ރާއްޖެއަށް ވަނީ ވިދިވިދިގެން ތިން އަހަރު ލިބިފަ އެވެ. މިއީ ރާއްޖެއަށް ވޯލްޑް ލީޑިން ޓޫސްޓް ބޯޑް އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑްގެ ދަތި ދުވަސްވަރު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރި މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ނާރުކަން ފާހަގަކުރައްވައި ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އެމްއެމްޕީއާރްސީއަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން ރައީސްއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ. މީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ބޭނުންކުރާ 'ޓޭލްސް އޮފް މޯލްޑިވްސް' ފޮތްތަކުގެ ކޮޕީއަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން 2021 ވަނަ އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ރައީސަށް ވެދުމަށް އެރުވި އެވެ.