ޖަރުމަނު ވިލާތުގެ މީޑިއާ ޓީމެއް ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އައިސްފި އެވެ.
މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޖަރުމަނުގެ އާންމުންގެ މެދުގައި މަގުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި ނޫސް ތަކުގެ ލިއުންތެރިން ހިމެނޭ ޓީމެ ކެވެ. މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސާއި ލެގޫން މޯލްޑިވްސް އަދި ކޮންރެޑު މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓު ގައެވެ. މި ޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރާނެ އެވެ. މި ދަތުރަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިއުކުރާނެ އެވެ.
މީގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. މި ފޭމް ޓްރިޕް އަކީ މި މާކެޓަށް އަމާޒުކޮށް މިއަަހަރު އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ ދެވަނަ ފޭމް ޓްރިޕް އެވެ.