އެމްއެމްޕީއާރްސީ

ޖަރުމަނުގެ މަޝްހޫރު ކޮނޮސުއަ މަޖައްލާގައި ރާއްޖެ އިޝްތިހާރުކުރަނީ

Jul 12, 2022

ޖަރުމަނުގެ މަޝްހޫރު މެގަޒިން، ކޮނޮސުއަ ސާކަލާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ފަށައިފި އެވެ.

މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށެވެ.

ކޮނޮސުއަ ސާކަލް އިން ޕްރިންޓްކޮށްގެން ނެރޭ މަޖައްލާގައި އެޑްވަޓޯރިއަލް، އީ-މެގަޒިންގައި އެޑިޓޯރިއަލް، ކެނޮސުއަގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވީޑިއޯ އާއި ޕޯސްޓް އަދި ވެބްސައިޓުގައި އެކި ކަހަލަ ބެނާ ޑިސްޕްލޭ އަދި ނިއުސްލެޓާ ތަކުގައި މުޅި ދިވެހިރާއްޖެ ހިމެނޭ ގޮތަށް އިޝްތިހާރުކުރާނެ އެވެ.

ކޮނޮސުއަ ސާކަލަކީ ޖަރުމަންގެ އިތުރުން ސްވިޒަލޭންޑާއި އޮސްޓްރިއާގެ މުއްސަނދިންނާއި މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމާތު ހިމަނައިގެން ނެރޭ މަޖައްލާ އެކެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ޖަރުމަނު ބަހުން މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރާނީ އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ 809,603 ފަތުރުވެރިންގެ ތެރެއިން 67,608 ފަތުރުވެރިންނަކީ ޖަރުމަނުގެ ފަތުރުވެރިންނެވެ.