ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔޫއޭއީ ދަތުރުފުޅަށްފަހު ރައީސް ސްކޮޓްލެންޑަށް، ފަސްޓްލޭޑީ ރާއްޖެއަށް

Oct 28, 2021

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނުކުފާނު ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ އާއިލާތަކާވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ވަޑައިގެންނެވީ ދިވެހިރާއްޖެއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މާދަމާ ދުބާއީއިން ސީދާ ފުރާވަޑައިގަންނަވަނީ ކުރިއަށް އޮތް ނޮވެންބަރު މަހު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ.