ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވާހަކަތަކަށް ވުރެ އަމަލު ގިނަކުރުމަށް ރައީސް އެދިވަޑައިގެންފި

Oct 25, 2021
1

ދުބާއީ އެކްސްޕޯގެ ބޭނުންހިފައި ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވައިލައްވައިފި އެވެ.

ރައީސް އެކަމަށް ގޮވާލެއްވީ ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި މިއަދު އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކްސްޕޯގައި މިއަދަކީ ރާއްޖެއަށް ހާއްސަކޮށްފައިވާ ދުވަހެވެ. ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ހާއްސަ ހަރަކާތަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ 190 ގައުމަކުން ބައިވެރިވެފައިވާ އެކްސްޕޯއިން ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވީހާވެސް ބޮޑަށް ނަތީޖާ ނެރެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދުނިޔެއަށް ދިމާވެފައިވާ ބަނޑުހައިހޫނުކަމުގެ މައްސަލަތަކާއި ކާބޯތަކެތީގެ މައްސަލަތަކާއި ސައިބާ ޓެރަރިޒަމް ފަދަ މައްސަލަތަކަށް މި އެކްސްޕޯގެ ބޭނުން ހިފައި ހައްލު ހޯދަން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށް ވުރެ އަމަލު ގިނަކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެކްސްޕޯގައި ރާއްޖެއަށް ހާއްސަ ކުރި ދުވަހު ބޭނުންކުރި 'ދޯނި" ކޮންސެޕްޓުގެ ތަފްސީލް ދެއްވަމުން ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑުގެ ސަރަހައްދަށްވާއިރު ދޯންޏަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ދިވެހިވަންތަކަމާއި ގުޅިފައިވާ އެއްޗެއްކަން ފާހަގަކުރެއްވި އެވެ. ހަމައެހެންމެ، އެކްސްޕޯގައި ލިބޭ ފުރުސަތުތަކާއި ރާއްޖޭގެ ޕެވިލިއަންގެ ބޭނުން ހިފާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކައާއި ސަގާފަތާއި އަދި ކުޑަޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރުމަށް ކަމުގައި ވިދާޅުވި އެވެ.

ކަމާ ގުޅުންހުރި ސްޓޭކް ހޯލްޑަރުން ކަމުގައިވާ އިންޑަސްޓްރީ ފަންނުވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިލްމީ ތަޖުރިބާކާރުންނާއި ސިވިލް ސޮސައިޓީ އެކްޓިވިސްޓުން ފަދަ ފަރާތްތައް ޝައުގުވެރި ކުރުވުމަށް ދުބާއީ އެކްސްޕޯ ފަދަ އެކްސްޕޯތައް އަދާކުރާ މުހިއްމު ދައުރު ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި މިފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިއްމު މައްސަލަތަކަށް އައު ހައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މި އެކްސްޕޯއިން އެއް ބަޔަކު އަނެއްބަޔަކު ބައްދަލުވެ ތައާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިއްމު ފުރުސަތުގެ ބޭނުންހިފުމަށް އެދިވަޑައިގެންނެވި އެވެ.

ކޮވިޑް-19ގެ ޕެންޑެމިކް އާންމު ހާލަތަކަށް ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި 190 ގައުމު ބައިވެރިކޮށްގެން ދުބާއީ ސަރުކާރުން ވޯލްޑް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ނިންމުމުން އެ ސަރުކާރުގެ ދުރުވިސްނުމާއި ލީޑާޝިޕް ވަރުގަދަކަން ހާމަވެގެންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މި އެކްސްޕޯ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އެކްސްޕޯއެއް ކަމަށް ފާހަގަކުރައްވައި ވިދާޅުވީ ޔޫއޭއީގެ ސަރުކާރަކީ ވެސް ރާއްޖޭގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރޭވެދޭ ބައިވެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް މިމަހުން ފެށިގެން ހަމަސް ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.

އެކްސްޕޯ އަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ.