މުހައްމަދު ނާޒިމް

ޕީޕީއެމްގެ މެންބަރުންނާއެކު މަސައްކަތް ކުރާނެ: ނާޒިމް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ސިޔާސީ މަސައްކަތް ނުކުރެއްވި ނަމަވެސް އެމަނިކުފާނު ރައީސްކަން ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެންބަރުންނާއެކު މަސައްކަތް ކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ދެން ދުވަހަކު ވެސް ސިޔާސީ މަަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށް ނާޒިމް ފުރަތަމަ ހާމަކުރެއްވީ އަވަސްގެ އައު ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމްއެންޕީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ރަޖިސްޓްރީ ކުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައިވެސް އަވަސްގެ ޝޯގައި ނާޒިމް ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިން ވަނީ ސުވާލު ކޮށްފައެވެ. ނާޒިމް މިއަދުވެސް ވިދާޅުވީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް އަޅުގަނޑަށް ގަބޫލު ނުކުރެވެނީ. އަޅުގަނޑަށް ގަބޫލުނުކުރެވޭ ސަބަބުތަކެއް އެބަހުރި. އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވައިގެން އެ ބޭފުޅެއްގެ އެކައުންޓަށް 100 މިލިއަން ރުފިޔާ ޖަމާވީމަ ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުގެ ޒަމީރު ގަބޫލުނުކުރަނީ ދެން އެފަދަ ބޭފުޅަކު އެ މަގާމަށް ގެނެސްގެން މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމެއް ކަމަށް،"

ނާޒިމް ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނެ އުސޫލު ނިންމާނީ ޕާޓީގައި މަޝްވަރާކޮށް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވަން ނިންމެވީ އަމިއްލަފުޅަށް ކުރެއްވުނު އެތައް ތަޖުރިބާތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އެ ހުރިހާ ވާހަކަތައް މިވަގުތު ތަފްސީލުކޮށްދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމްއެންޕީން އަދި އެމަނިކުފާނުވެސް ޕީޕީއެމާއެކު މަސައްކަތް ކުރާނެ ކަމަށެވެ. ސިޔާސީ މަސައްކަތް ކުރެވެން ނެތީ ރައީސް ޔާމީނާއެކު ކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ޔާމީނާއެކު މަސައްކަތް ނުކުރި ނަމަވެސް ޕީޕީއެމްގެ އާންމު މެންބަރުންނާއެކު މަސައްކަތް ކުރެއްވޭނެ ކަމަށެވެ.

"ވަރަށް ސާބިތު ކަމާއެކު ދަންނަވާ ވާހަކައެއް މިއީ. ޕީޕީއެމާއެކު އަޅުގަނޑު މަސައްކަތް ކުރާނަން. އެކަމަކު ރައީސް ޔާމީނާއެކު އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް. މެންބަރުންނާއެކު މަސައްކަތް ކުރެވޭނެ، އެކަމަކު ރައީސް ޔާމީނާއެކު އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އެހެން ނަމަވެސް އަޅުގަނޑު ޕާޓީއާއެކު މަޝްވަރާކުރާނަން. ޕާޓީގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑަކަށް ނޭންގެ. އެއީ އަދި އަޅުގަނޑު އެ ބޭފުޅުންނާ މަޝްވަރާއެއް ނުކުރަން. އެކަމަކު އަޅުގަނޑު މިއަދުވެސް ވަރަށް ސާބިތުކަމާއެކު މި ދަންނަވަނީ ސިޔާސީ މަަސައްކަތް ކުރުމަށް ރައީސް ޔާމީނާއެކު އަޅުގަނޑު ކުރާނެ މަސައްކަތެއް ނޯންނާނެ،" ނާޒިމް ވިދާޅުވިއެވެ.