ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް، ރައީސް އަބްދުﷲ ޔާމީނަށް ހޫނު ރައްދެއް ދެއްވައިފި އެވެ.
ނާޒިމް މި މޭރުމުން ރައީސް ޔާމީނަށް ރައްދު ދެއްވީ މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ އެބޭފުޅުންގެ މަރު ދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށް ވިދާޅުވެ ޔާމީން މިއަދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރެވެ. އަދި 2013 އިން 2018 އަށް އެމަނިކުފާނު ކުރެއްވީ "ނަޖިސް" ވެރިކަމެއް ކަމަށް ވިދާޅުވިއެވެ. އެއީ ރިޝްވަތާއި ހިޔާނާތް އަދި ވައްކަމާއި މަކަރާއި ހީލަތް އާންމުކުރި ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމީނާ ސިޔާސީ ގޮތުން ނުވަތަ އެ ނޫން ގޮތަކަށްވެސް ހިޔާލު ތަފާތު އެންމެން ވަނީ ޖަލަށް ލާފައެވެ. އަދި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމް ޖަލަށް ލެއްވިއެވެ. އެންމެ ގިނަ ދުވަހު ޖަލުގައި ހޭދަ ކުރެއްވި ބޭފުޅަކީ ނާޒިމެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވެސް ޣައްދާރުން ކަމަށެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯއްދަވާފައިވާ ކަމަށްވެސް ޔާމީން ތުހުމަތުކުރައްވާފައިވެ އެވެ. ނާޒިމާއި ގާސިމް އަދި އަދާލަތުގެ އިލްމުވެރިންނަށް އަމާޒުކޮށް އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން މިއަދު ކުއްލި ގޮތަކަށް ޓްވީޓެއް ކުރެއްވީ ކޮން ސަބަބުތަކަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ.