މުހައްމަދު ނާޒިމް

ޔާމީން އަރިހުގައި ދުވަހަކުވެސް މަސައްކަތް ނުކުރާނަން: ނާޒިމް

އަވަސްގެ ޝޯ "ސުވާލަކަށް ފަހު ސުވާލެއް"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ދެން ދުވަހަކު ވެސް ސިޔާސީ މަަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަވަސްގެ ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ނާޒިމް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އެމަނިކުފާނު ދިރިއުޅުއްވި ގެކޮޅުން ފިސްތޯލެއް ފެނުނު ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެ ހާދިސާއަށް ފަހު ރައީސް ޔާމީނާއެކު ދެން މަސައްކަތް ކުރެއްވުމާމެދު ދެކެވަޑައިގަންނަވާ ގޮތް ފުރަތަމަ ފަހަރަށް ހާމަ ކުރައްވާފަ އެވެ.

ނާޒިމް ވިދާޅުވީ ތިން އަހަރާއި ބައި ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށެވެ. އެއީ ލިބިވަޑައިގެން ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ރައީސް ޔާމީނަށް މައާފު ކުރައްވާ ކަމަށާ ބަރު ހިތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީނާއެކު ދެން ދުވަހަކު ވެސް ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެއީ އަލުން ވެރިކަމަށް ގެނައުމަށް "ކުފޫ" ހަމަވާ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު މާފު ކުރަން އިނގޭތޯ. އެހެން ނަމަވެސް ސިޔާސީ ގޮތުން އަޅުގަނޑު ރައީސް ޔާމީނާއެކު މަސައްކަތް ކުރާނެ އެއްވެސް މަރުހަލާއެއް ނާންނާނެ. އެއީ އިރާދަކުރެއްވިއްޔާ ނުވާނެ ކަމެއް އެނގޭތޯ. އެއީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ސިޔާސީ ގޮތުން އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނަވާކަށް. އެއީ މިހާތަނަށް އަޅުގަނޑަށް ކުރެވުނު ތަޖުރިބާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންވީމަ އަޅުގަނޑެއް ޔާމީން އަރިހުގައި މަސައްކަތެއް ނުކުރާނެ. އެއީ ވަރަށް ސާބިތުކަމާއެކު ދަންނަވާ ވާހަކައެއް،" ރައީސް ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އަޅުގަނޑު މާފުކުރަން އެނގޭތޯ. އެހެން ނަމަވެސް ސިޔާސީ ގޮތުން އަޅުގަނޑު ރައީސް ޔާމީނާއެކު މަސައްކަތް ކުރާނެ އެއްވެސް މަރުހަލާއެއް ނާންނާނެ. އެއީ އިރާދަކުރެއްވިއްޔާ ނުވާނެ ކަމެއް އެނގޭތޯ. އެއީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ސިޔާސީ ގޮތުން އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނަވާކަށް. އެއީ މިހާތަނަށް އަޅުގަނޑަށް ކުރެވުނު ތަޖުރިބާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންވީމަ އަޅުގަނޑެއް ޔާމީން އަރިހުގައި މަސައްކަތެއް ނުކުރާނެ. އެއީ ވަރަށް ސާބިތުކަމާއެކު ދަންނަވާ ވާހަކައެއް
މުހައްމަދު ނާޒިމް | ކުރީގެ ޑިފެންސް މިނިސްޓަރު

ނާޒިމް ވިދާޅުވީ ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ވިދާޅުވެ ފްރޭމް ކުރައްވާ އެވަރުގެ އަނިޔާއެއް ދެއްވަން ޖެހިވަޑައިގެންނެވި ހަގީގީ ސަބަބު އެނގިވަޑައި ނުގަންނަވާ ކަަމަށެވެ. އަދި އެ ކަމުގެ ހަގީގަތް ހޯއްދަވަން ވަރަށް ބޭނުންފުޅުވާ ކަމަށެވެ. އެކަމުގެ ތަހުގީގު އަދިވެސް ކުރިއަށް ގެންގޮސް ދެއްވުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގެންނެވި އެވެ.

ނަމަވެސް އެކަން އެގޮތަށް ހިނގަން މެދުވެރިވީ ކަމަށް ފެންނަ ބައެއް ސަބަބުތައް ނާޒިމް ވިދާޅުވެ ދެއްވިއެވެ. ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓްރީ އާއި އެލްޖީއޭ އަދި އިމިގްރޭޝަންގެ އިތުރުން ވަގުތީ ގޮތުން ހެލްތު މިނިސްޓްރީ ހިންގެވުމުގެ ޒިންމާ އޭނާއާ ހަވާލު ކުރެއްވުމުން ރައީސް ޔާމީން އެދިވަޑައިގެންނެވި މިންވަރަށް ނުވަތަ އެއަށްވުރެ މާ ރަނގަޅަށް ވެސް އެ ޒިންމާތައް އަދާ ކުރެއްވި ކަމަށެވެ.

އަދި ފެނުގެ ކާރިސާ ފަދަ ހާދިސާތަކުގެ ވަގުތު ވަރަށް އިސް ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަތުމުން ވަރަށް ގިނައިން ޓީވީން އޭނާ ފެންނަމުން ދިޔަ ކަމަށެވެ. އެހެން ވެގެން ދިޔައީ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ބައްލަވަން ވަރަށް އުނދަގޫ މަންޒަރަކަށްކަން އެނގިވަޑައިގެންނެވި ކަމަށެވެ.

އަދި ނާޒިމަކީ ރައީސް ޔާމީނަށް 2018 ގައި ކުރިމަތިވާނެ އެންމެ ބޮޑު ބިރު ކަމަށް ބައެއް ބޭފުޅުން ވިސްނަވާ ދެއްވަމުން ގެންދެވި ކަމަށެވެ.

"އޭރު އަޅުގަނޑު ވަރަށް ގިނައިން ޓީވީން ވެސް ފެނޭ. އަޅުގަނޑަކީ ސައުވީސް ގަޑިއިރު މަސައްކަތުގައި ހޭދަކުރާ މީހެއް. އެހެންވީމަ ޓީވީން ވެސް ފެންނާނެ. ދެން އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް މޭކަރާ ގޮތްވީހެން. އެއީ ރައީސުލްޖުމްހޫރިއްޔާއަށްވުރެ ގިނައިން އަޅުގަނޑު ޓީވީން ފެނުމަކީ އެ މީހުންނަށް ހިތްއެދޭ ކަމަކަށް ނުވީ. އަދި އޭރު ރައީސުލްޖުމްހޫރިއްޔާއަކީ ވަރަށް ކަންނެތް ބޭފުޅެއް. އެހެންވީމަ މާގިނަ ވަގުތަކު މަސައްކަތަކު ނޫޅުއްވާ. ވަރަށް އަވަހަށް އޮފީސް ނިންމަވާފައި ގެއަށް ވަޑައިގަންނަވާ،"

ނާޒިމް ވިދާޅުވީ "ފްރޭމް" ކުރައްވާ ޖަލަށް ލެއްވުން އަދި ތިން އަހަރާ ބައިގެ މުއްދަތަށް ޖަލުގައި ހުންނެވުމަކީ ކިހާ ބޮޑު އަނިޔާއެއްކަން އޭރު އެނގިވަޑައިނުގެންނެވި ނަމަވެސް މިހާރު ރައީސް ޔާމީނަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހު އޭނާ އޮންނެވީ ހޫނު ކުޑަ ގޮޅިއެއްގައި ނަމަވެސް ޖަލުގައި ފިނި ކޮޓަރީގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ވޭންވެސް މިހާރު އިހުސާސް ކުރެއްވޭނެ ކަމަށެވެ.

އަދި ވިދާޅުވީ ރައީސް ޔާމީނަށް ވެސް އަދި އެހެން މީހަކަށްވެސް އެފަދަ އަނިޔާއެއް ލިބިވަޑައިގަތުމަށް އެދިވަޑައިނުގަންނަވާނެ ކަމަށެވެ.

"ޑިފެންސް މިނިސްޓަރުގެ ގެއަކަށެއް އޭރު ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަށާއި ޕޮލިސް ކޮމިޝަނަރަށް ނޭނގިއެއް ނުއެއް އާދެވޭނެ. ބުއްދީގެ ހަމަތަކުން އަޅުގަނޑުމެން ވިސްނަން ޖެހޭނީ. ދެން ރައީސް ޔާމީނަށް ވިދާޅުވެވި ކޮންމެ ވާހަކައެއްވެސް. އެ ދުވަހުވެސް ވިދާޅުވީ އެހެން ހެއްޔޭ، ތިކަން ހިނގި ހެއްޔޭ. މިއީކީ ރައީސުލްޖުމްހޫރިއްޔާއަކު ދައްކައިގެންވާނެ ވާހަކަތަކެއް. އެކަން އެ އޮތީ ނިމިފައި. ނަމަވެސް ރައީސް ޔާމީނަށް މިއަދު ޖެހިވަޑަައިގެންފައިވާ ހާލުން އެނގިވަޑައިގަންނަވާނެ އެއީ ކިހާ ބޮޑު އަނިޔާއެއްކަން. އަޅުގަނޑު ހިތުގައި އެމަނިކުފާނަށް އެކަމުގައި ބަރުކަމެއް ނެތް،" ނާޒިމް ވިދާޅުވިއެވެ.