އެމިރޭޓްސް

ރާއްޖެ އެމިރޭޓްސްއާ އެކު އެމްއޯޔޫއަކަށް

Oct 26, 2021
1

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް (އީކޭ)އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ސޮއިކޮށްފި އެވެ.

ރާއްޖެއަށް މިހާރުވެސް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއާލައިން ކަމަށްވާ އެމިރޭޓްސްއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭން ހެދި މެމޮރަންޑަމް އޮފް އަންޑެސްޓޭންޑިން (އެމްއޯޔޫ)ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފެއާ، ދުބާއީ އެކްސްޕޯ 2020 ގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިގަތެވެ.

މި އެމްއޯޔޫއާ ބެހޭ ގޮތުން އެމްއެމްޕީއާރްސީން ބުނީ އޭގެ މަގުސަދަކީ އެމިރޭޓްސްގެ ނެޓްވޯކުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރުން ކަމަށެވެ.

ރާއްޖޭން އީކޭއާ އެކު އެމްއޯޔޫ އަކަށް ދިޔައިރު ގައުމީ އެއާލައިންއާ ޖޮއިންޓް ވެންޗާ (ޖޭވީ) ހަދަން މެދުއިރުމަތީގެ ދެ އެއާލައިންއަކުން ވާހަކަ ދައްކަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. ނަމަވެސް މިހާތަނަށް މި ވާހަކަތަކުގެ އިތުރު ތަފުސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.