އަބްދުﷲ ޖާބިރު

ރާއްޖޭގެ ބިމުގެ އެޮޑިޓެއް ހަދަން ޖާބިރު ގޮވާލައްވައިފި

ރާއްޖޭގެ ބިމުގެ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ގަވައިދުތައް ހުރި ގޮތުން ރިސޯޓެއް ކުއްޔަށް ހިފައި ބިލިއަނުން އިންވެސްޓުކުރާ މީހާއަށް ވެސް އެ ބިން ނުލިބޭ ކަމަށާއި އެ ބިން އަބަދުވެސް އޮންނަނީ ސަރުކާރުގެ އަތުގައި ކަމަށެވެ.

ރިސޯޓްތައް ވެސް ހިންގަވަމުން ގެންދަވާ ޖާބިރު ވިދާޅުވީ ބިމަކީ ވިއްކޭ އެއްޗަކަށް ގޮތަށް އޮންނަން ޖެހޭއިރު ކޮންމެ ބިމަކީ ވެސް ޓްރާންސެކްޓް ކުރެވޭ މުދަލަކަށް ވާން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ލާރި ހޯދަން އުޅޭ އިރު ޗައިނާ އާއި އިންޑިއާއަށް ދެރުމުގެ ބޭނުމެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގެ ބިމުގެ އޮޑިޓެއް ޕްލޭނިން މިނިސްޓްރީން ހެދުމަށް ގޮވާލެއްވި އެވެ.

ދައުލަތުން ބިމުގެ އިންވެންޓްރީއެއް ހަދައި ބިމުގެ ވެލިއު އެނގުން ވަރަށް މުހިންމު ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"ކީއްވެގެންތޯ ބިން ވިއްކާ ވާހަކަ ނުދައްކަންވީ. ރިސޯޓުގައި ހުރި ބިމެއް ހިފައިގެން އެއްވެސް މީހަކަށް ދެވޭތޯ. އެހެންވީމާ ހުރި ބިންތައް ކޭޝްކުރަންވީ ނޫންތޯއޭ. ލޯންގް ޓާމަށް ލާރި ލިބުނީތާއޭ. ބޮރޯވިން މަދުކުރާށޭ. ދަރަނިވެރި ނުކުރާށޭ ދިވެހީން. އަތުގައި ހުރި ވަސީލަތް ހޯދާށޭ. ހޯދަންވީ ނޫންތޯ އިކޮނޮމީ ދަންނަ މީހުން މި ރާއްޖެ ހިންގަން. ރާއްޖޭގައި ހުރި އެއްޗެތި އޮޑިޓްކުރަންވީ ނޫންތޯ. ވެލުއޭޝަނެއް ހަދަންވީ ނޫންތޯ. އިންޓަނޭޝަނަލް ވެލިއޭޝަނާ އެއްގޮތަށް އޮޑިޓެއް ހެދުމަށް އަޅުގަނޑު ގޮވާލަން. މި ހިނދުން މި ހިނދަށް" ޖާބިރު ވިދާޅުވި އެވެ.

އެ އޮޑިޓް ހެދުމުގައި އާނަސްޓް އެންޑް ޔަންގް ނޫނީ ކޭޕީއެމްއެމްޖީ ފަދަ ނަން މަޝްހޫރު އޮޑިޓް ކުންފުނިތަކާ އެކަން ހަވާލުކުރުމަށް ވެސް ޖާބިރު އެދިވަޑައިގެންނެވި އެވެ.

ޖާބިރު އިއްޔެ ވަނީ ޕްރައިވެޓް ކުންފުނިތަކަށް ފަސޭހައިން ސޮވެރިން ގެރެންޓީ ލިބޭނެ ގޮތް ހެދުމަށް ވެސް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުން ބަލައެއް ނުގަތެވެ.