އުދައެރުމުގެ މައްސަލަ ބޮޑުވެގެން ބުރިކޮށްލި ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ނަގައި އެ ދެރަށް ބުރިޖަކުން ގުޅާލަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެެކްރެޓަރީ ޒީނިއާ ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 84.1 މިލިއަން ރުފިޔާ އަށް 300 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ބުރިޖު އަޅާނީ މިހާރު އޮންނަ ކޯޒްވޭ ނެގުމަށްފަހު ކަމަށެވެ. ނަމަވެސް މިފަހަރު ބުރިޖު އަޅާއިރު ކޮލަމްތަކުން ސަޕޯޓްކޮށް ބުރިޖުގެ ދަށުން އޮއިދެމޭނެ ކަަމަށާއި އެއާއެކު އުދައެރުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަަމަށެވެ.
ބުރިޖު އަޅަން ނިންމާފައި ވަނީ މަޑަވެއްޔާ ހޯޑެއްދޫ އާ ދެމެދުގައިވާ ގދ. ހާދޫއާ ގުޅުވާލައިގެންނެވެ. އަދި މި މަޝްރޫއުގެ ދަށުން 262 މީޓަރުގެ މަގު ހަދައި 65 މީޓަރުގެ ހަަތަރު ރިވެޓްމަންޓް ޖަހާނެ އެވެ.
ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރުދުކޮށް ހެދި މަޑަވެލި ކޯޒްވޭ 2018 ވަނަ އަހަރުވެސް ހޯޑެއްދޫ ރައްޔިތުން ނުކުމެ ކަނޑާލި އެވެ. އަދި އޭގެ ފަހުން އެ ކޯޒްވޭ އަލުން މަރާމާތުކޮށް ގުޅުވާލި ފަހުން މިިދިޔަ އޮގަސްޓު މަހު ވަނީ ކޯޒްވޭގެ ހޯޑެއްދޫ ސަަރަހައްދުން ބައެއް އަނެއްކާވެސް ކަނޑާލާފަ އެވެ. އެއާއެކު އެ މަޝްރޫއަށް ދައުލަތުން ކުރި ހަރަދު ވަނީ 31 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ކޯޒްވޭގެ މައްސަލައިގައި ހޯޑެއްދޫއާއި މަޑަވެއްޔާ ދެމެދު ވަރަށް ބޮޑަށް ވަނީ ހިޔާލުތަފާތުވެފަ އެވެ. އެގޮތުން ހޯޑެއްދޫއިން އެ ކޯޒްވޭ ނަގަން ބޭނުންވާ އިރު މަޑަވެލިން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެ އެވެ.
ހޯޑެއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ކޯޒްވޭގެ ސަބަބުން އެ ރަށަށް ރާޅު އަރައި އޭގެ ސަބަބުން އެ ރަށުގެ 6.7 ހެކްޓަރުގެ ބިމުގައިވާ ގުދުރަތީ ދިރުންތައް މަރުވެ، ބިންގަނޑަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ. އަދި ކޯޒްވޭ ނުނެގި ދޮޅު އަހަރު ފާއިތުވެ ވެއްޖެނަމަ އެރަށުގެ ބިމުގެ 30 ޕަސަންޓަށް ވަރަށް ބޮޑު ބަޔަކަށް ގެއްލުން ލިބި ބިންގަނޑު އޮންނާނެ ކަމާ ދޭތެރޭވެސް ސުވާލު އުފައްދަ އެވެ.