ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.
މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 84.1 މިލިއަން ރުފިޔާއަށެވެ.
މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ކުރިން އޮތް ކޯޒްވޭގެ ސަބަބުން ދިމާވަމުންދިޔަ ތިމާވެށީގެ މައްސަލަތަކަށް އާ ކޯޒްވޭގެ ސަބަބުން ޖުމްލަ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ފިރުޝާން ވިދާޅުވި ގޮތުގައި ކޯޒްވޭގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ ހޯޑެއްދޫ ކައުންސިލާއި މަޑަވެލީގެ ކައުންސިލްގެ އިތުރުން ދެރަށުގެ ރައްޔިތުންގެ މަޝްވަރާ ހޯދައިގެންނެވެ.
ބިން ހިއްކުން ލަސްވެގެން މަޑަވެލީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރައްވާ ފިރުޝާން ވިދާޅުވީ މި ސަރުކާރުގައި މަޑަވެލީގައި 14 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެކަމުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި ކޯޒްވޭގެ މަސައްކަތް ކުރިއަށްދާނީ ތިރިން އޮއި ދެމޭ ގޮތަށެވެ. ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްރިޖާއި ރަށާ ގުޅޭ ސަރަހައްދުގައި ބޮޑުހިލަ ޖެހިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މަޑަވެލި-ހޯޑެއްދޫގެ އިތުރުން ކޯޒްވޭއާ އެކު ކަންނިގިރާ އާއި ހާދޫ ގުޅިގެންދާނެ ކަމަށެވެ. މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައިގެ ކުރިއަށް މަޝްރޫއު ނިންމުމަށް ކަމުގައި ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން 262 މީޓަރުގެ މަގު ހަދައި 65 މީޓަރުގެ ހަަތަރު ރިވެޓްމަންޓް ޖަހާނެ އެވެ.
ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރުދުކޮށް ހެދި މަޑަވެލި ކޯޒްވޭ 2018 ވަނަ އަހަރުވެސް ހޯޑެއްދޫ ރައްޔިތުން ނުކުމެ ކަނޑާލި އެވެ. އަދި އޭގެ ފަހުން އެ ކޯޒްވޭ އަލުން މަރާމާތުކޮށް ގުޅުވާލި ފަހުން މިިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް ވަނީ ކޯޒްވޭގެ ހޯޑެއްދޫ ސަަރަހައްދުން ބައެއް އަނެއްކާވެސް ކަނޑާލާފަ އެވެ. އެއާއެކު އެ މަޝްރޫއަށް ދައުލަތުން ކުރި ހަރަދު ވަނީ 31 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ކޯޒްވޭގެ މައްސަލައިގައި ހޯޑެއްދޫއާއި މަޑަވެއްޔާ ދެމެދު ވަރަށް ބޮޑަށް ވަނީ ހިޔާލުތަފާތުވެފަ އެވެ. އެގޮތުން ހޯޑެއްދޫއިން އެ ކޯޒްވޭ ނަގަން ބޭނުންވާ އިރު މަޑަވެލިން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެ އެވެ.
ހޯޑެއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ކޯޒްވޭގެ ސަބަބުން އެ ރަށަށް ރާޅު އަރައި އޭގެ ސަބަބުން އެ ރަށުގެ 6.7 ހެކްޓަރުގެ ބިމުގައިވާ ގުދުރަތީ ދިރުންތައް މަރުވެ، ބިންގަނޑަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ. އަދި ކޯޒްވޭ ނުނެގި ދޮޅު އަހަރު ފާއިތުވެ ވެއްޖެނަމަ އެރަށުގެ ބިމުގެ 30 ޕަސަންޓަށް ވުރެ ބޮޑު ބަޔަކަށް ގެއްލުން ލިބި ބިންގަނޑު އޮންނާނެ ކަމާ ދޭތެރޭވެސް ސުވާލު އުފައްދަ އެވެ.