އެމްޓީސީސީ

މަޑަވެލި ހޯޑެއްދޫ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ނިންމަނީ

ގދ. މަޑަވެލި-ހޯޑެއްދޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ނިންމާ، މާޗް މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވާރިސް ވިދާޅުވީ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި ނިންމާލެވި މާޗްގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ހޯޑެއްދޫއާއި މަޑަވެލި 2024 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ސަރުކާރުގައި ގުޅާލި އެވެ. ނަމަވެސް ކޯޒްވޭގެ ސަބަބުން ދެ ރަށަށްވެސް ރަށް ގިރުމާއި އުދައެރުން ފަދަ ތިމާވެށީގެ މައްސަލަތަކެއް ދިމާވާން ފެށުމުން މި ދެ ރަށުގެ ތެރެއިން ބަޔަކު ނިކުމެ ވަނީ ކޯޒްވޭ ކަނޑާލާފަ އެވެ.

ވާރިސް ވިދާޅުވި ގޮތުގައި ކުރިން ދިމާވި މައްސަލަތަކާއި ތަޖުރިބާއަށް ބެލުމަށްފަހު ހޯޑެއްދޫއާއި މަޑަވެލި އަދި އިތުރު ދެ ރަށެއްވެސް ހިމެނޭ ގޮތަށް ޖުމްލަ ހަތަރު ރަށެއްް ބްރިޖަކުން ގުޅާލަނީ ތިމާވެށީގެ މައްސަލަތަކަށް ވަރަށް ބޮޑަށް ބެލުމަށްފަހު އެވެ.

ހޯޑެއްދޫއާއި މަޑަވެލި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކުންފުނި -- އެމްޓީސީސީ މިމަޝްރޫއު އިފްތިތާހުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ. ނަމަވެސް ވާރިސް ވިދާޅުވީ މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ މާޗް މަހު ކަމަށެވެ.

"މިމަޝްރޫއު މިހާ ބޮޑަށް ލަސްވެގެން ދިއުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވި ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިމަޝްރޫއުގައި ޖުމްލަ ތިން ބްރިޖެއް އަޅަ އެވެ. މަޑަވެލި އާއި ޖެހިގެން އޮންނަ ފަޅުރަށެއް ކަމަށްވާ "ހާދޫ" އަދި ހާދޫ އިން އެހެން ފަޅުރަށެއް ކަމަށްވާ "ކަންނަގިއްލާ" އަށް ކަންނަގިއްލާ އިން ހޯޑެއްދޫއަށް އަޅާ ބްރިޖެވެ.

ވާރިސް އިތުރަށް ވިދާޅުވީ މިމަޝްރޫއު ނިމި ބްރިޖްގެ ބޭނުން ކުރަންފެށުމުން ދެ ރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑެތި ފަސޭހަތަކާއު ފައިދާތައް ކުރާނެ ކަމަށެވެ.

ހޯޑެއްދޫއާއި މަޑަވެލި ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމާއި 285 ސްޕަން ޕައިލް ހަރުކުރުމާއި، 7،740 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ބްރިޖު ހަދާ ސަަރަހައްދުގައި 2،544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުންވެސް ހިމެނެ އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 79.4 މިލިއަން ރުފިޔާ އަށެވެ.