އަބްދުﷲ ރަޝީދު

އަބްދުﷲ މަރުވި ކަމަކަށް އަދިވެސް ނުބުނޭ: އާއިލާ

އަބްދުﷲ ރަޝީދު މަރުވިކަން ފުލުހުންގެ ފަރާތުން އަދިވެސް އާއިލާއަށް އަންގާފައި ނުވާ ކަމަށާއި އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފުލުހުން މަސައްކަތް ކުރަނީ އާއިލާގެ ނުރުހުމުގައި ކަމަށް އަބްދުﷲގެ އާއިލާ އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން އަބްދުﷲގެ ބޭބެ ހަސަން އަހްމަދު ބުނީ ފިޓް ޖެހުން ފަދަ އެއްވެސް ސިއްހީ މައްސަލައެއް އަބްދުﷲގެ ނުހުންނާނެ ކަމަށެވެ. އޭނާ މަރުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާ ލިބުން ލަސްވެގެން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.

ގދ. މަޑަވެލި ހެލްތު ސެންޓަރުގެ ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނީ ހެލްތު ސެންޓަރަށް ގެންދިއުމުގެ 30 މިނެޓް ކުރިން އަބްދުﷲ މަރުވެފައިވާ ކަމަށެވެ.

"މެޔަށް ތަދުވެގެން ފުލުހުން ކައިރީ ފަރުވާއަށް މީހަކު އެދުނީމަ އެއީ ޑްރާމާއޭ ބުނެ ފަރުވާ ދިނުން ލަސްކުރަން ވީ ކީއްވެގެންތޯ. މިއީ ކިހާ ބޮޑު އިހްމާލެއްތޯ؟" ފުލުހުންގެ އަމަލުތަކާ ދޭތެރޭ ހަސަން ސުވާލު އުފެއްދި އެވެ.

ހަސަން ބުނީ އަބްދުﷲ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި އޭނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ހަށިގަނޑުގެ ބައިތައް ވަކިކޮށް އަނިޔާދީގެން އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުން ނުވާ ކަމަށެވެ.

"މިހާރު ދެ ދުވަސް މިވަނީ އަޅުގަނޑުމެންނާ ހަށިގަނޑު ހަވާލުނުކޮށް މޯޗަރީގައި ބާއްވާތާ. އެބޭފުޅުން ބޭނުންވަނީ ބާރުގެ ބޭނުންކޮށްގެން އޮޓޮޕްސީ ހަދަން،" އަބްދުﷲގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށް ފުލުހުން ދެކޮޅު ހަދަމުންދާތީ ކަންބޮޑުވުންފާޅު ކުރަމުން ހަސަން ބުންޏެވެ.

މީގެ އިތުރުން އަބްދުﷲގެ މަރުގައި ފުލުހުން އިހުމާލުވާން ޖެހޭ ކަމަށާއި އޮޓޮޕްސީ ހަދަން ފުލުހުން ބޭނުންވަނީ އެކަން އޮޅުވާލުމުގެ ގޮތުން ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.

ފުލުހުން ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު (43އ) ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިމަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އެދުމުން ފަރުވާ ނުދީގެން ކަމަށް މަންޒަރު ދުށް ބައެއް މީހުންވެސް ބުނެފައިވެ އެވެ.

މިހާދިސާގެ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެެވެ.