އަބްދުﷲ ރަޝީދު

އަބްދުﷲ ހައްޔަރުކުރިއިރު ފުލުހުން ބޮޑީ ކެމަރާ ބޭނުމެއް ނުކުރޭ

ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު (43 އ) ހައްޔަރުކުރަން މަސައްކަތް ކުރިއިރު އެކަމުގައި އުޅުނު ފުލުހުން ބޮޑީ ކެމަރާ ބޭނުންކޮށްފައި ނުވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ފަހުން އޭނާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން އިއްޔެގެ އޮޕަރޭޝަންގައި ފުލުހުން ބޮޑީ ކެމަރާ ބޭނުންކުރިތޯ ނޫސްވެރިން ފުލުހުންނާ ސުވާލުކުރުމުން ދިން ޖަވާބުގަ އެވެ.

ފުލުހުން ރަސްމީކޮށް ބޮޑީ ކެމަރާ ބޭނުންކުރަން ފެށީ މިއަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ފުލުހުން އެ ދުވަހު ބުނި ގޮތުގައި އޭރު ފުލުހުންނަށް ލިބިފައިވާ 200 ކެމެރާ ބޭނުންކުރާނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީގަ އެވެ.

ފުލުހުން މިއަދު އިތުރަށް ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އާއިލާ އިން އެކަމަށް ދެކޮޅު ހަދަމުންދާ ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.

ފުލުހުން ރޭ ބުނީ އިއްޔެ ހޯޑެއްދޫ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަބްދުﷲގެ މެޔަށް ތަދެއް އަރައި ފިޓްޖެހުން ފަދަ އަލާމާތްތަކެއް ފެނިގެން އޭނާ ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ. އެތަނަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަބްދުﷲ ފަރުވާއަށް ގެންދިޔައީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގަ އެވެ. އަދި މި ލޯންޗުގައި އާންމުވެސް ތިބި ކަމަށް ފުލުހުން ބުނެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.

"މިހާދިސާއާ ގުޅޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް، ތަހުގީގުކޮށްދެއްވުމަށް ވާނެ އެދިފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.

މަރުވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އަނިޔާކުރި ކަމަށް ބުނެ ހޯޑެއްދޫއާއި މަޑަވެލީގައި ރޭ ބަޔަކު މުޒާހަރާވެސް ކޮށްފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ދިން ހޯޑެއްދޫގެ ބައެއް އާންމުން ބުނާ ގޮތުގައި މަރުވި މީހާއާ އެކު އިތުރު ދެ މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި އެވެ. އަދި މަރުވި މީހާ ހައްޔަރުކުރި ވަގުތު މެއަށް ތަދެއް އަރާ ކަމަށް ފުލުހުން ކައިރީ ބުނި ކަމަށެވެ. އެހެންވެ މި މީހާ މަރުވީ ފަރުވާ ދިނުން ލަސްކުރުމުން ކަމަށް ހޯޑެއްދޫގެ ބައެއް މީހުން ތުހުމަތުކުރެ އެވެ.